ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ރަސްމީކޮށް ވަކި އޮފީހެއް ހުޅުވައިފި އެވެ.
ޕީއެންސީގެ އާ އޮޮފީސް ހުޅުވީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގަ އެވެ. އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ޕާޓީގެ އިސްވެރިން ބައިވެރިވި އެވެ.
ރަސްމީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ޖާގަ ތަނަވަސް ބޮޑު ތަނެއް އޮފީސް ހިންގަން ލިބުމަކީ ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޕީއެންސީން ޕާޓީއެއްގެ ގޮތުގައި މިގޮތަށް ހަރަކާތްތެރިވާން ފެށި މިއީ ފުރަތަމަ ފަހަރު ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެޕާޓީ ގުޅިގެން މުޅި ރާއްޖޭގައި، "ގައުމީ ޖޯޝުގައި" ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"އޭގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަޅުގަނޑުމެން، ޕީޕީއެމް ޕީއެންސީ އިން ބޮޑު ނަތީޖާއަކުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބު ކުރުން" ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން ދިޔައީ ކޯލިޝަނުގައި ދެން އޮތް ޕީޕީއެމްގެ މައި އޮފީހާއި އެއް ފުރާޅެއްގެ ދަށުން ހ. ހުރަފާގަ އެވެ.
އޭގެ ފަހުން ކުރިން އެ ކޯލިޝަނުގެ ލީޑަރުކަމުގައި ހުންނެވި އަބްދުﷲ ޔާމީން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެމެދު ހަމަނުޖެހުން އުފެދެން ފެށި ހިސާބުން ޕީއެންސީގެ އޮފީސް ކާނިވަލުގައި ހުރި ޖަގަހައެއްގައި ހިންގި އެވެ.












