ކުރީގެ ރައީސް އަބްދުالله ޔާމީން އާ ޕާޓީއެއް އުފައްދަވައިގެން ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ނެރުނު ނަމަވެސް, ގިނަ ރައްޔިތުން ތިބީ އެމަނިކުފާނާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ޕީޕީއެމްއާ ވަކިވެ ޔާމިނަށް ވަފާތެރި ބޭފުޅުންނާއެކު ހެއްދެވި ޕާޓީ، ޕީއެންއެފްގެ ސަބަބުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވޯޓު ދެ ބައި ވާނެ ކަމަށް ދެކިލައްވަންތޯ އާއި މަޖިލީހުގެ ގޮނޑިތައް ހޯދުމަށް އެއްވެސް އުނދަގުލެއް ދިމާވެދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގެ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިއްބެވީ އެމަނިކުފާނާއެކު ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ, ރާއްޖޭގެ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކީގައި, އަޅުގަނޑުމެންގެ ޓީމާ, ޕީޕީއެމް/ޕީއެންސީއާ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިން ބައިކުޅަ ދެބައި ދެއްވާނެ،" ރައީސް ވިދާޅުވި އެވެ.
ޕީއެންއެފް އުފެއްދުމަށް މެދުވެރިވި ދިމާވީ އިންތިހާބު ކާމިޔާބުވުމަށް ފަހު، ރައީސް އާއި ޔާމީންއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވުމުން ކަމަށް ޕީއެންއެފް އުފެއްދުމުގައި ހަރަކާތްތެރިވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވެ އެވެ.

އެކަމަށް އިޝާރާތްކޮށް، ރައީސް ޔާމީންއާ ދެ ބޭފުޅުންގެ ގުޅުން ގޯސް ވެފައިވޭތޯ އާއި ޔާމީންގެ މެސެޖްތަކާއި ފޯނު ކޯލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ޖަމީލު ކުރެއްވި ތުހުމަތުތަކަކީ ތެދެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް މުއިއްޒު ވިދާޅުވީ މީހުންގެ ވާހަކަ ދައްކަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
ޕީޕީއެމުން ވަކިވެ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ޔާމީން ފެއްޓެވީ ވަރަށް ގިނަ ތުހުމަތުތަކެއް ކުރުމަށްފަހެވެ.
އޭގެ ތެރޭގައި، ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑާޝިޕުން ޔާމީން އެއްފަރާތް ކޮށްފައިވުން ހިމެނެ އެވެ. އަދި ޔާމީންގެ މެސެޖުތަކަށާއި ފޯނު ކޯލުތަކަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ކުރުމަށް މަސައްކަތް ނުކުރުން ހިމެނެ އެވެ.
ޕީއެންއެފް ވެގެން ދާނީ ރާއްޖޭގައި ވެރިކަން ކުރާ ޕާޓީއަށް ކަމަށާއި އެ ޕާޓީން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަަލު ކުރާނެ ކަމަށް ޖަމީލު ވިދާޅުވެފައިވެ އެވެ.
ޕީއެންއެފްއަށް މެމްބަރުން ވެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު، ޕީއެންސީ އިން ވެސް އަންނަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމް އެވެ. އީސީގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ މުއައްސިސެއްގެ ގޮތުގައި ހުންނެވެނީ އެންމެ މީހަކަށެވެ.
ޒެއިންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ޔާމީން އާއި އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ. މިއީ ޕީއެންއެފް އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޔާމީނުގެ ވަފާތެރި ސަޕޯޓަރުންނެވެ.













