އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭ ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަރުގެ ކަމެއް ދިމާނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމަންޖެހޭނީ ވަރަށް ޒިންމާދާރުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އަލީ ހައިދަރު ހިމެނޭ ގޮތަށް ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ގޮވާލަމުންދާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީއަކުން ނިންމާނީ ރުހުން ނުދޭވަރުގެ ކަންކަން ދިމާ ވުމުން ކަމަށެވެ.
"އެއީ ޒިންމާދާރު ވުމެއް ނޫން، ކެބިނެޓަށް ރުހުން ނުދޭ ވަރު ކަމެއްތޯ ދުނިޔޭގެ އެހެން ގައުމުތަކުގެ މިންގަނޑުން ވެސް ވިސްނާލަން ޖެހޭނެ. ރުހުން ނުދޭނީ ރުހުން ނުދޭ ވަރު ކަންކަން ވީމަ. އަޅުގަނޑު ހިތުން ވަރަށް ޒިންމާދާރު ވާނެ ރާއްޖޭގެ ސިޔާސީ ޕާޓީތައް. އަޅުގަނޑަށް ޔަގީން ވަރަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ކުރަމުންދާ ނަމަ، ވަޒީރުންގެ މަޖިލީހަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު މިއަދު ވެސް އެމްޑީޕީގެ މެމްބަރުން ދީފައިވެ އެވެ.
މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދަން ބޭނުންވާ ނަމަ، ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށް މެމްބަރުން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ބުނެފައިވެ އެވެ.

މަޖިލީހުގައި މި ވަގުތު ތިއްބެވީ ސަރުކާރަށް ތާއީދު ކުރާ ޕީއެންސީ/ޕީޕީއެމް ގެ އެންމެ ހަތަރު މެމްބަރުންނެވެ. މަޖިލިސް މިހާރު ވެސް ކޮންޓްރޯލް ކުރަމުން ދަނީ އެމްޑީޕީ އިންނެވެ.












