ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލަ ދިރާސާ ކުރުމަށްފަހު ކެބިނެޓާ ހަމައަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭގޮތުން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ.
"އެކަމާ ބެހޭ މައްސަލަތައް އިދާރީ ލެވެލެއްގައި އޭޖީގަ އާއި ފޮރިން މިނިސްޓަރީގައި އެބަ ކުރިއަށް ގެންދަން، އެހެންވީމާ އެކަން އަޅުގަނޑުމެން ދިރާސާކޮށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެ މައުލޫމާތުތައް އެކުލަވާލައި ޕޭޕަރެއް ގެނެވި އެ މައުލޫމާތު މީޑިއާ އަށް ވެސް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބައިކުރީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިންނެވެ. އެކަން އެގޮތަށް ކުރި އިރު އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. އަދި އެ ސަރަހައްދު އަނބުރާ ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އިޓްލޮސްގެ ނިންމުން ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައި ވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކި ކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅުނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް ރާއްޖެއިން އޭރު ވަކާލާތު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.













