ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 50 މީހުން މި ފެށޭ އަހަރު މައްކާއަށް ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް 1000 މީހުން ހިލޭ ހައްޖަށް ފޮނުއްވާނެ ކަމަށެވެ. އެގޮތުގެ މަތިން ފުރަތަމަ އަހަރު 50 މީހުން ހައްޖަށް ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަސް އަހަރު ތެރޭގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވުން. ފުރަތަމަ 50 މީހުން. އެކި އަހަރު އަދަދުތައް ތަފާތުވާނެ،" ރައީސް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ އޮގަސްޓު 18, ގައި މުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިންނެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހާމަ ކުރައްވާފައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ ކޯޓާ ހަމަޖެހޭ މިންވަރުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމުގެ ޕްރޮގްރާމަށް ބަދަލުތަކެއް ގެނައުމަށް ހިޔާލުކުރައްވާ ކަމަށެވެ. ރައީސް ވައުދުވެވަޑައިގަތީ ހަމައެކަނި ފަގީރުން ހައްޖަށް ފޮނުވުމަށް ނަމަވެސް، ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކޮށް ރިޓަޔާކުރާ މީހުން ވެސް އެ ޕްރޮގްރާމުގެ ދަށުން ހައްޖަށް ފޮނުވާނެ ގޮތަށް ވިސްނަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް 40 އަހަރު ނުވަތަ 50 އަހަރު ހިދުމަތްކޮށްފައިވާ މީހަކު ރިޓަޔާކުރާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ކިބައިގައި ނޯވޭ ހައްޖަށް ދެވޭނެ ފަދަ ގާބިލްކަމެއް. އަޅުގަނޑުމެން މި ބަލަނީ އެކަން ފަށައިގަތުމަށް. އޭރުން ކުރިއަށް ނޫންތޯ ދާނީ،" ޝަހީމް ވިދާޅުވި އެވެ.













