ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ކުރެއްވި ވައުދާ ހިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާތީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސްކުރަމުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން ހުސެއިން ވިދާޅުވީ، ރަށްރަށުގައި އަސާސީ ހިދުމަތްތައް ދޭ ފެނަކައިގެ މުވައްޒަފުން ވަކިކުރަމުން ދަނީ ބަދަލުހިފުމުގެ ރޫހެއްގައި ކަމަށެވެ. އަދި، "މި އަނިޔާވެރި" އަމަލު މިހިނދުން މިހިނދަށް ހުއްޓާލުމަށް" ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދާއިރާ ފުވައްމުލަކުގަ ވެސް އަޅުގަނޑަށް ނޫހުން ފެނުނު 59 މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ، އެއީ ވަރަށް އާދައިގެ ކުޑަކުޑަ މުސާރަކޮޅެއް ލިބޭ މުވައްޒަފުން ކޮޅެއް" މައްސަލައަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މައްސަލައަށް ބަހުސްކުރި ގިނަ މެމްބަރުން ވެސް ފާހަގަކުރެއްވީ ރަށްތަކުގެ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ޝަކުވާތައް އެ މެންބަރުންނާ ހަމައަށް ވެސް އައިސްފައިވާ ކަމަށެވެ.

އަދި, މިހާރު ފެންނަ މަންޒަރަކީ ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ގާތް މީހުންނަށާއި އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އާއިލީ މެންބަރުންނަށް ވަޒީފާ ދެމުންދާތަން ކަމަށާއި ބަދަލުގައި ވަޒީފާއިން ވަކިކުރަނީ އާދައިގެ، ކުޑަ މުސާރު ލިބޭ އާންމު ރައްޔިތުން ކަމަށެވެ.
ރިޔާސީ ކެމްޕޭނުގެ ތެރެއިން، އޮގަސްޓު 15 ގައި ހއ. ދިއްދޫގައި ހުންނަވާ ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އާންމު ރައްޔިތުންނަށް ދީފައިވާ ވަޒީފާތައް އަތުނުލައްވާނެ ކަމަށެވެ.
"މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މީހަކަށް ވަޒީފާ މިހާރު ލިބިފައިވާ ނަމަ އެ ވަޒީފާއެއް އެ ލިބުނު މުސާރައެއްގައި ލިބޭނެ ގޮތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެވެސް ހިސާބަކުން އެ ވަޒީފާގެ ޔަގީންކަން އަޅުގަނޑު ދެމޭ، އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީއެއް ނުވާނެ، ވަޒީފާއަކުން ވަތްކެއް ނުކުރާނަން،" އެ ރޭ މުއިއްޒު ވިދާޅުވި އެވެ.












