މީގެ 11 އަހަރު ކުރިން (2012 ވަނަ އަހަރު) ލޮރެންޒޯ ޕާކު ތެރޭގައި މަރައިލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ/ނޫރީ, މުހައްމަދު އަރުހަމްގެ މަރުގެ މައްސަލާގައި ދައުވަ އުފުލި ހަތަރު މީހުންގެ ތެރެއިން ދައުވާ ސާބިތުނުވި ތިން މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އަރުހަމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކުރީ ލ. މާވަށް/އެވާބްލޫ, މުހައްމަދު ވިސާމް, ގދ. ގައްދޫ/ގުންޒަރު, މުހައްމަދު ސުފްޔާން, ލ. މާވަށް/އަސަރީގެ, މަންސޫރު ޔޫސުފް އަދި މއ.ސީނަރީވިޔު, އާތިފު ރަޝީދުގެ މައްޗަށެވެ. އެ މައްސަލާގައި ދައުވާކުރި ވިސާމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ނިންމާ, 2016 އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ މަރަން ހުކުމް ކޮށްފަ އެވެ.
އެހެން ނަމަވެސް އެ މައްސަލާގައި ޝާމިލުވާ އަނެއް ތިން މީހުން ސަލާމަތްވުމުން, ދައުލަތުން ވަނީ އެ ތިން މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދިއުމަށްފަހު އިއްޔެ ހުކުމް ކުރީ, ދައުލަތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ, އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކުރުމަށެވެ. އަދި އެމީހުންގެ މައްސަލަ އަލުން ބެލުމަށެވެ.
މި މައްސަލާގައި ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު, ހާދިސާގެ މަންޒަރުތައް އެކި ހިސާބުތަކުން ފެނިފައިވާ ކަމަށް ހެކިބަސް ދީފައިވާ ފަރާތްތަކުން, ސުފްޔާނާއި މަންސޫރު އަދި އާތިފުގެ ބައިވެރިވުން ވެސް ފެނުނު ކަމަށް ބުނެފައިވެ އެވެ. އަދި ހާދިސާ ހިނގި ރޭ ފަތިހު 4:41ގައި ސުފްޔާނާއި މަންސޫރު ނިއުޗެއިން ފިހާރައިން ދެ ވަޅި ގަނެފައިވާ ކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުން ފާހަގަވާއިރު, މައްސަލާގައި ހިމެނޭ މީހުން އެރޭ ހަރަކާތްތެރިވެފައިވާ ރޫޓުތަކުން ވެސް އަރުހަމްގެ މަރާ މި މީހުންނާ ގުޅުން ހުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ހާދިސާ ހިނގި ލޮރެންޒޯ ޕާކު ތެރޭގައި ހުރި ޓީވީ ރޫމްތެރޭގައި ހުރި މޭޒު ކައިރީ ވެއްޓިފައި އޮތް ގޮނޑީގެ އަތްގަނޑުން މަންސޫރުގެ ފިންގާޕްރިންޓް ފެނިފައިވާތީ އެރޭގެ ހާދިސާއާ އޭނާގެ ބައިވެރިވުން އޮތްކަމަށް ބާރުލިބޭތޯ ބަލަން ވެސް ދައުލަތުން ހެކި ހުށަހަޅާފައި ވެއެވެ.

2012, މޭ 30ގައި އަރުހަމް ލޮރެންޒޯ ޕާކު ތެރޭގައި ހުއްޓާ ސައިކަލުތަކެއްގައި ބަޔަކު އެ ސަރަހައްދަށް ގޮސް އޭނާއަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން އޭނާ މަރުވީ އެ ދުވަހުގެ ވަގުތެއްގަ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ.












