ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބޯޑުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރައްވާފައިވާ ފަސް މެމްބަރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ޖުމުލަ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑަށް މެމްބަރުން އައްޔަންކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެ އެވެ.
ޕީސީބީގެ މެމްބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީ އަށް ފޮނުވައިފަ އެވެ.
ރުހުން ހޯދަން ފޮނުވި ފަސް މެންބަރުން
- ޕީސީބީގެ ރައީސް ހަމްދީ އަގީލް
- އިކޮނޮމިކްސް ދާއިރާއިން ހަސަން ޒަރީރު
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން އަހުމަދު މުޝްތާގު
- ބޭންކިންގެ ދާއިރާއިން ލީނާ އަބްދުލްޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މޫސާ ފަތުހީ އާދަމް
ސަރުކާރާ ހަވާލުވެ ރައީސް މުއިއްޒު ޕީސީބީއަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ތިމާވެއްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ ވެސް ހިމެނުނެވެ. ނަމަވެސް ފަހުން ޕީސީބީގެ ބޯޑު އަލުން އެކުލަވައިލިއިރު އާ ބޯޑު މެންބަރުންގެ ލިސްޓުގައި މުގުނީގެ ނަމެއް ނެތެވެ.
ޕީސީބީގައި ދެން ތިއްބަވާ މެންބަރުންނަކީ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒާއި ގާނޫނީ ދާއިރާއިން ރައީސް މުއިއްޒު ދާދި ފަހުން އައްޔަނުކުރި މެމްބަރު އަހްމަދު ނަޝާތު އެވެ. ނަމަވެސް ނަޝާތުގެ ނަން މިއަދު މަޖިލީހަށް ފޮނުވާފައި ނުވެ އެވެ. ފިރާޒު އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި މެންބަރެކެވެ. އޭނާގެ ދައުރު ހަމަވާނީ 2026ގަ އެވެ.














