ޕީޕީއެމް ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އަކީ ކުރިއަށް އޮތް ތަނުގައި ޗެލެންޖަކަށް ނުވާނެކަން ދޭހަވާ ފަދަ އިބާރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ތުރުކީ އަދި އެކުވެރި އަރަބި އިމާރާތައް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މިއީ ޔާމީނު ޕީއެންސީ/ޕީޕީއެމް ކޯލިޝަން ދޫކުރައްވާ ވަޑައިގެންނެވި ފަހުން ރައީސް މީޑިއާއަށް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ.
"ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާއެކީގަވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ، އަޅުގަނޑަކަށް ނުފެނޭ [ޔާމީނުގެ އާ ޕާޓީއާއެކު] އަޅުގަނޑުމެންގެ ތެރޭގަ މާ ބޮޑެތި ކަންތައްތަކެއް އުފެދިގެންދާނެ ކަމަކަށް"
ޔާމީނުގެ އާ ޕާޓީއަކީ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ސަރުކާރުން ކާމިޔާބު ކުރުމުގައި ގޮންޖެހުމަކަށް ވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ ޔާމީނުގެ ނަމާއި ފޮޓޯ އެވެ. އެގޮތުން ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ޔާމީނު މިނިވަންކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭނުގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ވެރިކަމަށް ފަސް ދުވަސް ވީއިރު ޔާމީނު ވަނީ ޕީޕީއެމް އާއި އެ ޕާޓީގެ ރައީސްކަން ދޫކުރައްވާފަ ޕީއެންއެފްގެ މަސައްކަތް ފައްޓަވާފަ އެވެ. އެ ޕާޓީއިން މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުން ނެރޭނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ.
އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް، ޕީޕީއެމުން ޔާމީނު ވަކިވެވަޑައިގެންނެވި ރޭ އެމަނިކުފާނުގެ އިސް ވަކީލު ޑރ، މުހައްމަދު ޖަމީލް ވިދާޅުވި އެވެ. އެމަނިކުފާނުގެ ފޮޓޯފުޅު ވެރިކަމަށް އަންނަން ބޭނުންކުރި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.













