މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28)ގައި ގައުމީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ތިމާވެށި ހިމާޔަތްކޮށް ސަލާމަތްކުރުމަށް ކުރައްވާނެ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވި ހާއްސަ އެއްކަމެވެ.
އަދި ރާއްޖޭގެ ފަރުތަކާއި މޫދުގެ މުރަކަ އާއި، މަސްމަހާއި އެހެނިހެން ދިރޭތަކެއްޗަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށާއި، އެތަކެއްޗަށް ލިބޭ ގެއްލުމަކީ މުޅި އިގްތިސާދަށް، ގައުމަށް ލިބޭ ގެއްލުމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއް. އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށް މުޅި ގައުމަށް ލިބޭ އުނިކަމެއް" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުން. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރާނަން" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިހާރުގެ ހާލަތު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، އަދި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފެއްދެނީ ބޭނުންވާ މިންވަރުގެ ހަތަރު އިންސައްތަ ކަމަށެވެ. އަމާޒަށް ވާސިލުވުމަށް 600 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.













