ގިސޯސަށް ހުރަސް އެޅޭ ގޮތަށް އޮންނާތީ ގާނޫނުލްއުގޫބާތުގެ މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ގިސޯސް ހިފުމަށް ހުރަސް އެޅޭ ގާނޫނުލް އުގޫބާތުގެ މާއްދާ ބާތިލްކުރި ސުޕްރީމް ކޯޓުގެ އަޑުއެހުން

ގިސޯސް ހިފުމަށް ހުރަސް އެޅޭ ގާނޫނުލް އުގޫބާތުގެ މާއްދާ ބާތިލްކުރި ސުޕްރީމް ކޯޓުގެ އަޑުއެހުން

ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރު އޮތީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސޯސް ހިފަން ނުވަތަ މަރަށް މަރު ހިފުމުގެ އަދަބު ކަނޑައެޅުމަށް ހުރަސް އެޅޭ ގޮތަށް ނިންމައި އެ މާއްދާއަކީ ބާތިލް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައަޅައި ހުކުމް ކުރީ، މީގެ 11 އަހަރު ކުރިން ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން ހުއްޓައި އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ޝައިފަން މަރަން ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވަމުންނެވެ.

ގާނޫނުއުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެވަނަ ނަންބަރުގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަށް ފުށުއަރާ ނަމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވި ކަމަށް ނުބެލެވޭނެ އެވެ.

އެ މާއްދާ ބާތިލް ކަމަށް ތާއީދުކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެއް ތަނެއްގެ މަންޒަރު ފެނުނު ބަޔަކު ކަމަށް ވިޔަސް، ކޮންމެ މީހަކަށް ވެސް މަންޒަރު ފެންނާނީ އެކި އެންގަލްތަކުންނާއި އެކި ނިސްބަތަށް ކަމަށެވެ. އެކި މީހުންނަށް ފެނުމާއި ދެނެގަތުމުގެ ގާބިލުކަން ވެސް ލިބިފައިވަނީ އެކި ވަރަށް ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެހެންވެ ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ހެކިބަހުގައި ކުޑަ ކަމެއް އުނިވެގެން މުޅި ހެކިބަސް ނަފީ ނުކުރެވޭ ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުވަތަ އެއްވެސް ޝުބުހެއް ނެތް މިންވަރަށް ކުށެއް ސާބިތު ނުވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔުގައި އިސްލާމީ ޝަރީއަތުގެ މަފުހޫމުން ގަސްތު މަރު ސާބިތުވާ ހަމަތައް ވިދާޅުވެ ދެއްވި އެވެ. ފުރަތަމަ ކަމަކީ، ޖަމާއަތެއްގައި ބައިވެރިވެގެން މީހަކު މަރާލައިފި ނަމަ އެފަދަ ހާލަތެއްގައި އެ ކުށެއް ކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުރި އިސްލާމީ ޝަރީއަތުގެ މިސާލުތައް ދެއްކެވި އެވެ.

"ޔަމަނުގެ މަރާލެވުނު ކުއްޖަކާ ގުޅޭ ގޮތުން ހަތަރު މީހެއްގެ މައްޗަށް ކުށް ގިސޯސް ހިފަން އުމަރުގެ ފާނު އެންގެވުން، ތިން މީހަކު ބައިވެރިވެގެން އެކަކު ގަތުލު ކުރުމުން އަލީގެ ފާނު އެ ކުށްކުރި ތިން މީހުންގެ މައްޗަށް ގިސް ހިފަން ނިންމެވި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޑީއެންއޭ ރިޕޯޓަށް ބުރަދަން ދެވޭ އިސްލާމީ ޝަރީއަތުގެ އެކި ނައްސުތަކަށް ރިއާޔަތްކުރެއްވި އެވެ. އެގޮތުން, ގަރީނާގެ އިސްތިލާހީ މާނައިގެ ތެރޭގައި ޔަގީނުގެ ދަރަޖައަށް ކަމެއް ގެންގޮސްދޭ ކޮންމެ އާލާތެއް ހިމެނޭތީ، ޑީއެންއޭ އަކީ އެފަދަ ވަސީލަތެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔައަށް ތާއީދު ކުރައްވަމުން ފަނޑިޔާރު ސުއޫދު އިތުރަށް ވިދާޅުވީ ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާން އިން ބަޔާންކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި މާނަ ވެސް ނުކުރެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މުުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔައަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއީދު ކުރެއްވި އެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ އެވެ. އިސްލާމީ ޝަރީއަތުގައިވާ ހަމަތަކުގެ މަތީން ގިސޯސް ހިފަން ކަނޑައެޅޭ ވަރަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް ގާނޫނުލް އުގޫބާތުގެ މާއްދާ އެ ގޮތަށް އޮތުމުން ގާނޫނާ ހިލާފަށް އެ އަމުރު ނުނެގެވޭނެ ކަމަށް އޭނާގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔަކީ އެއީ ގޯސް މާއްދާއެއް ނަމަ އެ ފަރުވާ ހޯދަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. ސުޕްރީމް ކޯޓަކުންނެއް ނޫނެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox