ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ދުބާއީއަށް ވަޑައިގެންފި އެވެ.
ރައީސް ދުބާއީއަށް ވަޑައިގަތީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ މަނިކުފާނުގެ އަރިހުގައި، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދު ވެސް ވަޑައިގެންނެވި އެވެ. އެ ސަމިޓުގައި ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ރައީސް ތަގްރީރު ކުރައްވާނީ ޑިސެމްބަރު 1، ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮޕް-28 ސަމިޓަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދަނެގަތުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި އަހަރުގެ މި ސަމިޓުގައި ދުނިޔޭގައި ނަގާ ފުރަތަމަ "ގްލޯބަލް ސްޓޮކްޓޭކް" (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަން ކުރެވިގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އެކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ދުބާއީއަށް ރައީސް ރޭ ވަޑައިގަތީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާންގެ އަރިހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހެވެ.












