އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުގައި ޕްރައިމަރީ ބޭއްވި ނަމަވެސް އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުކުންނާނީ ޕީއެންސީގެ ޓިކެޓުގައި ކަން ކަށަވަރުވެއްޖެ އެވެ.
އެ ކޯލިޝަނުގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި ނޮވެމްބަރު 26 ގައި ބޭއްވި ޕީޕީއެމްގެ ސެނެޓުން ދެ ޕާޓީ އެކުގައި ޕްރައިމަރީ ބާއްވަން ނިންމި އިރު، ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެންވެސް މަޝްވަރާކުރި އެވެ.
"ވަރަށް އަވަހަށް ދެ ޕާޓީގެ ޖޮއިންޓު ސެނެޓެއް ބާއްވާ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެން ފާސްކުރާނެ" އެ އޮފިޝަލު ވިދާޅުވި އެވެ.
ވެރިކަންކުރާ ކޯލިޝަނުން މިގޮތަށް ނިންމުމަށް ތައްޔާރުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެ ޕާޓީއަށް ސޮއިކުރި މީހުންގެ އަދަދު 15،000 އަށް ވުރެކަމަށް ބުނާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޕީޕީއެމުން ވަކިވެގެން އެޕާޓީއަށް ބަދަލުވި މެމްބަރުންނެވެ.
ރައީސް މުއިއްޒު އާ ދެމެދު ޖެހިފައިވާ ސިޔާސީ އެކި މައްސަލަތަކުގެ ސަބަބުން ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުالله ޔާމީން އެ ޕާޓީއާ ދުރަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޕީޕީއެމްގެ ލީޑާޝިޕާއި ޔާމީނާއި ހިޔާލު ތަފާތުވިއިރު ލީޑާޝިޕްގެ ގިނަ ބޭފުޅުން އިހުތިޔާރު ކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަޅި އެވެ.

ޕީއެންސީ/ޕީޕީއެމުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބަށް ޕްރައިމަރީ ބާއްވާނީ ޖެނުއަރީ 20, 2024 ގައި ކަމަށެވެ.
އެ ކޯލިޝަނުގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށް ވެސް މީގެކުރިން ހާމަކޮށްފައިވެ އެވެ. މަޖިލިސް ޕްރައިމަރީގައި ބައެއް ދާއިރާތަކުން، އެ ކޯލިޝަނުގެ އިތުރުން އެމްއެންޕީ އަދި އެމްޑީއޭވެސް ބައިވެރިވާނެ އެވެ.
މަޖިލިސް އިންތިހާބަށް ޕީޕީއެމުން ޕީއެންސީ އެކުގައި ނުކުންނައިރު ޔާމީން އުފައްދަވާ އާ ޕާޓީން ވެސް އެ އިންތިހާބުގައި ވާދަކުރާނެ އެވެ. އެހެންކަމުން, މި ދެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ޔާމީނާ އެކުގައި ތިއްބެވި ބޭފުޅުންގެ ވޯޓު އެމަނިކުފާނު ހޯއްދަވާނެ ކަމަށް ބެލެވެ އެވެ.
ވެރިކަމުގައި މިވަގުތު އޮތީ ޕީއެންސީ އެވެ. އެއީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓުގައި ކަމަށްވާތީ އެވެ. އެ ޕާޓީގެ ޓިކެޓުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.













