ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑުގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް އަހުމަދު ނަޝާތު މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އަހުމަދު ނަޝާތު އެންމެފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓު ކައުންސެލްގެ މަގާމުގަ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މިޑުލްސެކްސް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނުނުގެ ދަށުން ޕީސީބީ ވުޖޫދު ކުރީ 2013 ވަނަ އަހަރު އެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.















