ރައީސް ޑރ މުހައްމަދު މުއިއްޒު ،ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އަށް ވިދާޅުވީ ރައީސް މުއިއްޒު މިއަދު ތުރުކީ އަށް ފުރާވަޑައިގެންނެވީ އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. ރާއްޖެއާ ތުރުކީއާ ދެމެދު ގުޅުން ބަދަހި ކުރުމަށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެކަމަށާއި ހަލީލް ވިދާޅުވި އެވެ.
ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ. ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުފުޅަކީ އެ ގައުމުގައި ބާއްވާ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގަ އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް، އެމަނިކުފާނު ޔޫއޭއީއަށް ވަޑައިގެންނެވި އެވެ. ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް އޭރުގެ އިންތިހާބީ އޮފީހުން ހާމަ ކޮށްފައިވެ އެވެ.













