ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޭވަފާތެރިވެ ޕީޕީއެމްގެ ލީޑާޝިޕުން ހިންގީ ބަގާވާތެއް ކަމަށް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގުރާމުގައި ޖަމީލު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ކުރި ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ޔާމީނުގެ ހިޔާލާއި ހުއްދަ ހޯދައިގެން ކަމަށެވެ.
"މިއީ ވަރަށް ބޮޑު ބަގާވާތެއް ޕާޓީ ތެރޭގައި ބަޔަކު ކުރި... އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑު ބޭވަފާތެރިކަމެއް މިއީ. މި ދަންނަވަން އުޅޭ ވާހަކައަކީ ވެރިކަން ލިބުނު ހިސާބުން ރައީސް ޔާމީނަކީ ނެތް ބޭފުޅަކަށް ހަދާލީ" ޖަމީލު ވިދާޅުވި އެވެ.
އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތް ކާމިޔާބީއާ އެކު އެމަނިކުފާނާއި ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަބްދުއްރަހީމް އަބްދުﷲ ފޯނު ވެސް ނުނަންގަވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ހީނުކުރާވަރުގެ ބޭވަފާތެރިކަމެއް މިއީ. ވެރިކަން ލިބުނު ހިސާބުން ފެށިގެން ރައީސް ޔާމީނަކީ ނެތް ބޭފުޅަކަށް ހަދައިފި ލީޑާޝިޕުން," ޖަމީލް ހާމަކުރެއްވި އެވެ.

ޕާޓީގެ ބައިބައިވުމާ ގުޅިގެން ޖަމީލު އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވީ އަބްދުއްރަހީމް އަބްދުﷲ އަށެވެ. ކަންކަން ގޯސްވެ ޕީޕީއެމް ދެބައިކުރުމުގައި މޭސްތިރިއަކަށް ހުރީވެސް އަބްދުއްރަހީމް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީނު ޕާޓީން ވަކިވެވަޑައިގަތުމަކީ މިވަގުތު އެންމެ ފައިދާ ބޮޑު ގޮތް ކަމަށާއި، އެމަނިކުފާނު ޕާޓީއިން ދުރަށް ދިއުމުން ސަޕޯޓަރުންނަށް "އީދެއް" އައިކަމަށް ޖަމީލް ވިދާލުވި އެވެ. އަދި އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރާ މީހުނަށް ވުމަށް ވާދަވެރިކަމެއް ސަޕޯޓަރުންގެ މެދުގައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މިފެށޭ ޕާޓީއަކީ ޕީޕީއެމްގެ މައި ޕާޓީއަށް ވެގެން ދާނެ," ޖަމީލް ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕްރޮގުރެސިވް ކޯލިޝަން ތަމްސީލު ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޖޮއިންޓު ސެނެޓު ބައްދަލުވުމާ ހަމައިން ރައީސް މުއިއްޒުއަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދެން ފަށައިފަ އެވެ.
ޕީޕީއެމްގެ ލީޑާޝިޕްގެ ބޭރުން އެ ޕާޓީ ހިންގެވުމަށް 13 މެމްބަރުންގެ ކޮމިޓީއެއް ޔާމީން މިފަހުން ނެންގެވި އެވެ. އެއީ ޕާޓީގެ މަސައްކަތްތައް ހުއްޓިފައި އޮތް ކަމަށް ދެކެވަޑައިގަންނަވާތީ ޔާމީން ނެންގެވި ކޮމިޓީއެކެވެ.
އެކަމަކު, ޔާމީން އުފެއްދެވި ކޮމިޓީގައި އިސްކޮށް ހުންނެވި އެމަނިކުފާނުގެ ކެބިނެޓުގައި ވެސް ހިމެނުނު މުހައްމަދު މަލީހު އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެން ޕާޓީން ވަކިކުރި އެވެ. އެ ސިޓީގައި ސޮއިކުރެއްވީ ޕީޕީއެމްގެ ސްލޮޓުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ.












