ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ޕީޕީއެމްގެ އެތެރޭގައި ލަމުން ދިޔަ ރެނދު ބޮޑުވަމުން ގޮސް، ދެފަޅި ވެގެން ގޮސްފައިވަނިކޮށް، އެ ޕާޓީގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
"އަދަދު" ނޫހަށް މިއަދު ދެއްވި އިންޓަވިއުގައި ޝިޔާމް ވިދާޅުވީ ޔާމީންގެ ޖަލުގައި ހުންނެވި ދުވަސްވަރު އެ މަނިކުފާނުގެ މެސެޖު ކަމަށް ވިދާޅުވެ، ސައްހަ ނޫން ނޯޓުތަކެއް ލިބިފައިވާ ކަމަށެވެ. ބައެއް ނޯޓުތަކާމެދު ޝައްކު އުފެދުނީ ޔާމީންގެ މިޒާޖާ ނުގުޅޭ ނޯޓުތަކަކަށް ވުމުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިގޮތަށް ތުހުމަތު ކުރެއްވި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް އިންޓަވިއުގައި ވިދާޅެއް ނުވެ އެވެ. ނަމަވެސް، މާފުށީ ޖަލުގައި ޔާމީން ހުންނެވި ދުވަސްވަރު ޕާޓީގެ ލީޑަޝިޕަށް ދެއްވަން ބޭނުންވި މެސެޖުތައް ފޮނުއްވީ ގާނޫނީ ވަކީލުންގެ ޓީމު، ހާއްސަކޮށް އެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށެވެ. އެހެންވެ ޝިޔާމް އިނގިލި އެ ދިއްކުރެއްވީ ޖަމީލަށެވެ.
ޔާމީންގެ ނަން ބޭނުންކޮށްގެން ވަރަށް ގިނަ ވާހަކަތަކެއް ފަތުރާފައި ހުރިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ ވެސް ޖަލުން ޔާމީންގެ ނަމުގައި ގެނައި ސިޓީތަކެވެ.
"އަޅުގަނޑުމެންނަށް އެބަހުރި، ރައީސް ޔާމީންގެ ވިސްނުމާ ދުރު، ރަައީސް ޔާމީންގެ މިޒާޖުފުޅާ ނުގުޅޭ، ޖަލު ނޯޓުތަކެއް ވެސް ލިބިފައި، އޭރު ވެސް އަޅުގަނޑުމެން އެ ނޯޓުތަކަށް އަމަލެއް ނުކުރަން، އެ ކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ،" ޝިޔާމް ވިދާޅުވި އެވެ.

މިއަދު ޝިޔާމް އިންޓަވިއު ދެއްވިއިރު، ޔާމީން ހުންނެވީ ޕީޕީއެމްގަ އެވެ. ނަމަވެސް ޕީޕީއެމް ދޫކޮށްލައްވަން ޔާމީން މިރޭ ވަނީ ނިންމަވައި އެކަން އިއުލާނު ކުރައްވައިފަ އެވެ. އެ ނިންމެވުމުގެ ކުރިން ޔާމީން އިއްޔެ ވަނީ ޕާޓީ ހިންގުމަށް 13 މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
އެ ކޮމިޓީއާމެދު ޕާޓީގެ ލީޑަޝިޕުން ބަޔަކު ހިތްހަމަ ނުޖެހިގެން ކޮމިޓީގައި އިސްކޮށް ހުންނެވި، މުހައްމަދު މަލީހު ޖަމާލުގެ ސްކޫލީ މައްސަލަ ބަލައި، އޭނާ ޕާޓީން މިއަދު ވަކިކުރި އެވެ.
ޔާމީންގެ ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ވުޖޫދުކުރައްވާ ވާހަކަ އިއުލާނު ކުރެއްވީ މަލީހު ވަކިކުރަން ނިންމި ފަހުންނެވެ.
ޕާޓީގެ ލީޑާޝިޕަށް ނާންގައި ވަކި ބަޔަކު ޕްރެސް ކޮންފެރެންސެއް ބޭއްވުމަކީ ޝިޔާމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ސުލޫކީ މައްސަލައެކެވެ.
ޕާޓީއަށް ޓަކައި ޔާމީން ވެވަޑައިގެންނެވި ގުރުބާނީއަކީ މަތިވެރި ގުރުބާނީއެއް ކަން ޝިޔާމް ގަބޫލު ކުރައްވަ އެވެ. އެ ގުރުބާނީގެ އަގު ވަޒަންކޮށް މިހާރު އޮތް ސަރުކާރު އުފެދުނީ ގައުމީ ފަލްސަފާގައި ތިބި އެތައް ރައްޔިތުންގެ ބުރަ މަސައްކަތުންކަން ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.
ޔާމީން އަދިވެސް ހުންނެވީ އެގާރަ އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ހުކުމުގައި ހުންނެވި ނަމަވެސް ހުކުމް ތަންފީޒުކުރައްވަނީ ރަށު ބަންދެއްގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ފަހުން ޔާމީން ފުރަތަމަ ގޭބަންދަށް ބަދަލުކުރި އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގެ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް އިތުރު ލުއިތަކެއް ދިނެވެ.
ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.













