ރާއްޖޭގެ ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ކުންފުންޏެއްގެ ޑިރެކްޓަރަކު އެ މަގާމުން ޑިސްކޮލިފައިކޮށްފި އެވެ.
މި މައްސަލައަކީ ކ. މަހާނައެޅި ހުރާގައި ރިހިވެލި ބީޗް ރިސޯޓު ހިންގަމުން އަންނަ ޖޮއިންޓް ވެންޗާ ކުންފުނި، ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި ހިއްސާދާރު އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާމް އަލީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ފައިސާތަކެއް ނަގައި އޭނާގެ ހިއްސާ އޮންނަ އެހެން ކުންފުންޏަކަށް ދިން މައްސަލާގައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓް ހިއްސާ އޮން ސޭވް ދަ ޑްރީމް ފްރާންސުން ކުރި ދައުވާއެކެެވެ.
އެ މައްސަލައިގައި ޑިސްކޮލިފައި ކުރީ ޝިހާމެވެ.
ރިހިވެލި ބީޗް ރިސޯޓަކީ 1979 ވަނަ އަހަރު މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓު ހިންގުމަށް ސަރުކާރުން ކުއްޔަށް ދީފައިވާ ރަށެވެ. މިރަށުގައި ރިސޯޓު ހިންގަމުން އައީ މާހަލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާމް އަލީ އާއި ފްރާންސްގެ ސޭވް ދަ ޑްރީމް ފްރާންސް ގުޅިގެން އުފެއްދި ސޭވް ދަ ޑްރީމް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނިންނެވެ. އެ ޖޮއިންޓްވެންޗާ ކުންފުނީގެ 50 ޕަސެންޓް ޝިހާމަށް އޮތް އިރު އަނެއް 50 ޕަސެންޓް އޮތީ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނީގަ އެވެ.
މި މައްސަލާގައި ސޭވް ދަ ޑްރީމްގެ ފަރާތުން އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ޝިހާމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވެސް ކުރި އެވެ. ކޯޓަށް އެކުންފުނިން ހުށަހެޅި މައްސަލާގައި ވެސް ވަނީ ޝިހާމް އެ ކުންފުނީގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގައި ހިޔާނާތްތެރިވި ކަމަށް ބުނެފަ އެވެ.

މައްސަލާގައި ކަން ހިނގާފައިވާގޮތައް ބަލާއިރު މާހަލް ޓުއާސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސް އާއެކު ވެފައިވާ ލީސް އެއްބަސްވުމުގައި މައްސަލަ ޖެހި ސޭވް ދަ ޑްރީމް މޯލްޑިވްސް އިން މާހަލް އަށް ކުލި ދެއްކުން މަޑުޖައްސާލާފައި ވަނިކޮށް ހުސައިން ޝިހާމް ވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަނެއް ޑިރެކްޓަރަށް އެންގުމަކާ ނުލައި ޗެކެއް މެދުވެރިކޮށް މާހަލް ޓުއާސް އަށް 550،000 ޑޮލަރުގެ ޕޭމަންޓެއް ހަދާފަ އެވެ. މާހަލް ޓުއާސް އަކީވެސް ޝިހާމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި މައްސަލާގައި ޝިހާމް ކުންފުނީގެ ޑިރެކްޓަރު ކަމުގެ އަމާނާތްތެރިކަމުގެ ވާޖިބުތަކާ ހިލާފުވެފައިވާތީ އޭނާ އެ މަގާމުން ވަކިކޮށް ދިނުމަށާއި އޭނާ ނެގި ފައިސާ އަނބުރާ ހޯދަން އެދި ސޭވް ދަ ޑްރީމް ފްރާންސް ސިވިލް ކޯޓުގައި ދައުވާ ވެސް ކުރި އެވެ. ސިވިލްކޯޓުން ވެސް އަދި އެފަހުން ހައި ކޯޓުން ވެސް މައްސަލާގައި ހުކުމް ކުރީ ސޭވް ދަ ޑްރީމް ފްރާންސްއާ ދެކޮޅަށެވެ.
ނަމަވެސް އެ މައްސަލަ ސްޕްރީމު ކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ ބަލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކުރި ހުކުމުގައި ބުނެފައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓުން ހުސައިން ޝިހާމް ނަގައި އޭނާގެ މަސްލަހަތު އޮންނަ މާހަލް ޓުއާސް އަށް ދިން ފައިސާ ނެގީ ކުންފުނީގެ ބޯޑުގެ ޖަލްސާއަކަށް ހުށަނާޅައި ކަމުން އެއީ އޭނާއަށް އަމިއްލައަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ.
ކޯޓުން ނިންމީ އެ މަގާމުގައި ހުރެ ޑިރެކްޓަރުންގެ އަމާނާތްތެރިކަމުގެ ވާޖިބާއި އޭނާ ހިލާފުވެފައިވާތީ ހުސެން ޝިހާމް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑިރެކްޓަރެއްގެ މަގާމުން ޑިސްކޮލިފައި ކުރުމަށެވެ. އަދި އޭނާ މާހަލް ޓުއާސް އަށް ދިން ފައިސާއަކީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން އެކުންފުންޏަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށް ވާތީ އެ ފައިސާ އަނބުރާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ ބައްލަވައި ހުކުމްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު ހުސުނުއްސުއޫދު އެވެ.













