ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގަތީ ޕާޓީން ވަކިވުމަށްފަހު ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އައްބާސް އާދިލް ރިޒާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލް ހުންނެވީ މަގާމު އާދަކުރައްވަން އުޒުރުވެރިވަޑައިގެންނެވެ.
ކުޅިވަރުގެ ގާނޫނުގައި ވެސް އޮންނަ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހާވާލުވާ މީހަކު ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އަދި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ވެސް ނުހުރެވޭނެ އެވެ.
ތޮލާލްއާ "އަދަދު" ނޫހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވުމަށްޓަކައި އިއްޔެ ހަވީރު ތިނެއް ޖެހިއިރު، ތޮލާލް ޕާޓީން ވަކިވެފައިވާ ކަމަށެވެ.
"އަޅުގަނޑު މި ހުރީ ޕާޓީއަކު ނޫން މިހާރު، އެއްވެސް ޕާޓީއަކު މިހާރު ނުހުންނާނެ،" އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ތޮލާލް ވިދާޅުވި އެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން އެކުލަވާލި ކޮމިޓީއެއްގެ ޕްރެސްއެއް ކަމަށް އެ ބައްދަލުވުމުގެ ބައިވެރިން ވިދާޅުވެފައިވެ އެވެ. "ޔާމީން ކޮމިޓީ" ގެ އެންމެ ބޮޑު ބޭނުމަކީ ވެސް ޕީޕީއެމް ހުއްޓުވާފައި ބޭއްވުމުގެ ބަދަލުގައި ކުރިއަށް ގެންދިޔުން ކަމަށް އެ ބައްދަލުވުމުގައި ބުންޏެވެ.
ނަމަވެސް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިސްވެ ހުންނަވައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާ މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ޕާޓީގެ ސެނެޓަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް މަލީހު ވަނީ ބޭރުކޮށްފަ އެވެ.
ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް، ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީއެންސީއަށް ބަދަލުކުރުމަކީ ވެސް ރޭ ބޭއްވި ބައްދަލުވުމުގައި "ޔާމީން ކޮމިޓީ" އިން ފާޅުކުރި ކަންބޮޑުވުމެކެވެ.
ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައި، އާ އޮފީހެއް ވެސް ވަނީ ހުޅުވައިފަ އެވެ. ކުރިން ޕީއެންސީ ވެސް ހިންގަމުން އައީ ޕީޕީއެމާ އެކު އެއް އިމާރާތެއްގަ އެވެ.
ޔާމީން މިނިވަން ކުރުމަކީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމި އެބަ އޮތެވެ. އެމަނިކުފާނު މި ވަގުތު ހުކުމް ތަންފީޒުކުރައްވަނީ، ރަށު ބަންދެއް ގޮތަށެވެ.













