މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ބާރަށް އަޑު ހިފާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެކުލަވާލެއްވި 13 މެންބަރުންގެ ސްޓިއަރިން ކޮމިޓީ، "ޔާމީނު ކޮމިޓީ" އިން ޕީޕީއެމްގެ ހިންގުމާ ހަވާލުވާން ކުރި މަސައްކަތެވެ.
ރޭ 10:00 ގައި ޕީޕީއެމްގެ އޮފީހުގައި ފެށީ ކުއްލި، އާދަޔާ ހިލާފު ނޫސްވެރިންގެ ބައްދަލުވުމުގެ ކުރީ ސަފުގައި ޕާޓީގެ ދެ ނައިބު ރައީސުންނެއް ނެތެވެ. ސެކްރެޓަރީ ޖެނެރަލެއް، ތަރުޖަމާނެއް ނެތެވެ. އެންމެ ކުރީގައި ތިއްބެވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އެވެ.
އެބޭފުޅުންގެ ހައިސިއްޔަތާމެދު ނޫސްވެރިންގެ ސުވާލުތައް އަމާޒުވުމުން، އައްބާސް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން، ޔާމީނުގެ ފަރާތުން ކަމަށެވެ. އެއިން އުފެދުނީ އިތުރު ސުވާލުތަކެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދެން އައްބާސް ވިދާޅުވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މަގާމުގެ މަސްއޫލިއްޔަތުތަކުން އުޒުރުވެރިވެފައިވާ ކަމަށެވެ. ތަރުޖަމާނު ހީނާ ވަލީދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، އެ ބައްދަލުވުން ނުނިމެނީސް އެ ދެބޭފުޅުން ވެސް ވަނީ އައްބާސްގެ ވާހަކަ ދޮގުކުރައްވާފަ އެވެ.
ރޭގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމުން މިހާރު ވަނީ މަލީހު ސަސްޕެންޑުކޮށް، ސެނެޓުގެ ރަސްމީ ގްރޫޕުން ބޭރުކޮށްލާފަ އެވެ. ނަމަވެސް، މަލީހު ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ޔާމީނު ކޮމިޓީ އުފެދުނު ގޮތާ ބެހޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވާފަ އެވެ.

މަލީހު ވިދާޅުވި ގޮތުގައި، ޕީޕީއެމުން އޭނާއަށް ފިޔަވަޅު އެޅިކަން އަންގާ ފޮނުވި ސިޓީގައި، ދެ ނައިބު ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ސޮއިކުރެއްވީ ވަޒީފާގެ ބިރަށެވެ.
"އެ ސިޓީގަ ސޮއިކުރެއްވި ދެބޭފުޅުންނަކީ ވަޒީފާގެ ބިރަށްޓަކާ ސޮއިކުރެއްވި ދެ ބޭފުޅުން، ޕީޕީއެމްގެ މަސްލަހަތު ނަގާލާ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކޮށްފަ ތިބި ދެ ބޭފުޅުން، އެހެންވީމަ ފިޔަވަޅު އަޅާކަމަށް ވަންޏާ ފިޔަޅު އަޅަން ޖެހޭނީ އެ ދެބޭފުޅުންނަށް،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން، މިއީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ މަގާމުތަކުގައި ފެންނަން ޖެހޭނީ ޕީޕީއެމްގެ މީހުން ކަމަށެވެ. ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށާއި ގިނައިން "ފެންނަނީ ދުވަހަކުވެސް ސިޔާސީ މައިދާނުން ނުފެންނަ މީހުން" ކަމަށްވެސް ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގެ ކެބިނެޓުގައި ވެސް އިންނެވި މަލީހު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޔާމީނުގެ ތަންފީޒީ އަޑުއެހުންތަކުން، މި ސަރުކާރުގެ އިސް މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން މިހާރު ނުފެންނަ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ކޯޓަށްވެސް މީގެ ކުރިން ވަޑައިގަންނަވާ ބޭފުޅުން ވަޑައިގެންނެވިތަނެއް، އެ ވިދާޅުވާ ލީޑަޝިޕެއް، މީގެކުރީގަ އެންމެ ދުވަހަކުވެސް ވައްޓާނުލައްވާ ވަޑައިގަންނެވި ބޭފުޅުން [މިހާރު] ވަޑައިގަންނަވާތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ޕާޓީ އޮތީ ހުއްޓިފައި، ޔާމީނު ބޭނުންވަނީ ޕާޓީ ހިންގަން
މަލީހު ވިދާޅުވި ގޮތުން ޔާމީނު މި ކޮމިޓީ އެކުލަވާލެއްވި މައިގަނޑު އެއް ސަބަބަކީ ޕީޕީއެމްގެ އާންމު ގިނަ މެންބަރުން އެމަނިކުފާނަށް ފޮނުއްވަމުންދާ މެސެޖުތަކަށް ޖަވާބުދެއްވާނެ ފޯކަލް ޕޮއިންޓުތަކެއް ގާއިމުކުރުން ކަމަށެވެ.
"އާންމު މެންބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް، އެބޭފުޅުން ސާފުކުރަންޖެހޭ ވަރަށް ގިނަ ކަންކަން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ މިކަހަލަ ކަންކަމުގެ ތެރޭގަ އެބަހުރި އެކަންކަން ސާފުކުރުމަށްޓަކާ ރައީސް ޔާމީނަށް އެހީތެރިވެދެއްވުމުގެ ގޮތުން އެކުލަވާލެއްވި 13 މެންބަރުންގެ ފޯކަލް ޕޮއިންޓުތަކެއް މިއީ،" މަލީހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވެފައިވާއިރު ކުރިއަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށް ވިދާޅުވެ، އޭނާ ފާހަގަކުރެއްވީ، ސަރުކާރު ދެމެހެއްޓުމަށްޓަކާ މިހާރު މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް އަނބުރާލަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން، މަލީހު ވިދާޅުވީ ޕާޓީގެ ލީޑަޝިޕުގައި މިވަގުތު ތިއްބެވި ބޭފުޅުން، ސަރުކާރަށް އައި ފަހުން ޕާޓީގެ ކަންކަމާ ނޫޅުއްވާ ކަމަށެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރު ޝިޔާމް ފަދަ ބޭފުޅުންނަށް މެސެޖުކޮށް، ގުޅި ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ޕީއެންސީއިން ވަކިން އޮފީހެއް ހަދާ، ޕީޕީއެމްގެ އިންތިހާބީ މަގާމުތަކުގަ ތިއްބެވި އެކިއެކި ބޭފުޅުން ޕީއެންސީއަށް ވައްދަން ޖެހޭ ކަމަކަށް. އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" މަލީހު ވިދާޅުވި އެވެ.













