ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ކަމާ، އައްބާސް އާދިލް ރިޒާއާ ހަވާލުކުރުމަށް އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް ވިދާޅުވެ އެ މަގާމުގައި ހުންނެވި ހީނާ ވަލީދަށް މެސެޖެއް ފޮނުވިކަން އެނގިއްޖެ އެވެ.
ހީނާއަށް އައްބާސް އިއްޔެ ފޮނުވި މެސެޖުގައި ވަނީ ހީނާ ވަލީދު އަލާސްކަންފުޅާ އުޅުއްވާތީވެ، ތަރުޖަމާނުގެ މަގާމަށް އެހެން މީހަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ޔާމީން އޭނާއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"ހީނާއަށް އަންގާލަން ބޭނުން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ޕީޕީއެމްގެ ސްޕޯކްޕާސަންގެ ގޮތުގައި އަހަރެން މަސައްކަތް ކުރަން ފަށާނަން،" އިނގިރޭސިބަހުން އައްބާސް ފޮނުއްވި ވަޓްސްއެޕް މެސެޖުގައިވެ އެވެ.
ހީނާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރައްވާ ކަމަށް އެ މެސެޖުގައި އައްބާސް ވިދާޅުވެފައި ވެ އެވެ.
މިއީ އައްބާސް ފޮނުވި މެސެޖެއް ކަން ހީނާ ވެސް ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ މެސެޖަށް ހީނާ ޝުކުރިއްޔާ ލިޔުއްވައި، ރިޕްލައިއެއް ދެއްވީ ބަލި ހާލަތާ ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ތަރުޖަމާނު ވަކިކުރާނެ ގޮތް ވެސް ބަޔާންކޮށްފައިވާ އިރު އޭގެ ބޭރުން އެ ކަން ނުކުރެވޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ރޭ ޕީޕީއެމް އޮފީހުގައި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އައްބަސްއާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި، އަދިވެސް ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފަ އެވެ.
ޕީޕީއެމްގެ ސެނެޓުގެ ދެ މެންބަރަކާއި ޕީއެންސީ ސެނެޓުގެ ދެ މެންބަރަކާއި އާންމު މެންބަރުންތަކެއް ބައިވެރިވެގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުން، ގިނަ ނޫސްވެރިންގެ ސުވާލަކަށް ވެސް ވީ، ޕާޓީގެ ކޮން ހައިސިއްޔަތަކުން ބާއްވާ ކޮންފެރެންސްއެއް ކަމެވެ.
އޭގެ ޖަވާބު ދެއްވީ ވެސް އައްބާސް އެވެ. އައްބާސް ވިދާޅުވީ އެއީ ޕާޓީ ހިންގުމަށް، ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީއެއް ކަމަށެވެ. އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ޕާޓީ ހިންގެވުމާ އުޒުރުވެރިވާކަމަށް ޔާމީނަށް އެންގެވި ކަމަށާއި ހީނާ ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް ތޮލާލާއި ހީނާ އެ ކަން ދޮގު ކުރައްވަ އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ލީޑަރަށް އެއިން ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރެއް ވެސް ނޯވެ އެވެ.
މި މައްސަލާގައި މަލީހު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ސުލޫކީ ކޮމިޓީއަށް ވެސް ވަނީ ފޮނުވައިފަ އެވެ. ޕީޕީއެމްގެ ސެނެޓަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް މަލީހު ވަނީ ބޭރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި "ޔާމީން ކޮމިޓީ" ގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް، ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީއެންސީއަށް ބަދަލުކުރަމުން ދިޔުމެވެ. ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައި، އާ އޮފީހެއް ވެސް ވަނީ ހުޅުވައިފަ އެވެ. ކުރިން ޕީއެންސީ ވެސް ހިންގަމުން އައީ ޕީޕީއެމާ އެކު އެއް އިމާރާތެއްގަ އެވެ.
ޔާމީން މިނިވަން ކުރުމަކީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމި އެބަ އޮތެވެ. އެމަނިކުފާނު މި ވަގުތު ހުކުމް ތަންފީޒުކުރައްވަނީ، ރަށު ބަންދެއް ގޮތަށެވެ. ރިޔާސީ އިންތިހާބަށް ފަހު ޔާމީން ގޭބަންދަށް ބަދަލުކުރިއިރު، ފަހުން ވަނީ ގިނަ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް ލުއިތަކެއް ދީފަ އެވެ.












