ޕީޕީއެމްގެ ސެނެޓުގައި ހިމެނޭ ކުރީގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަސައްކަތް ކުރެއްވީ ޕާޓީ ބަދުނާމުކޮށް ބައިބައިކުރުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ މަލީހު، ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކުރިކަން އެންގުމަށް އެނާއަށް ފޮނުވާފައިވާ ސިޓީއެއްގަ އެވެ. އެ ސިޓީގައި ސޮއިކުރައްވާފައިވަނީ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ޕީޕީއެމުން މަލީހު ސަސްޕެންޑުކޮށް، ސުލޫކީ ކޮމިޓީން މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެކުލަވައިލެއްވި 13 މެންބަރުންގެ ސްޓިއަރިން ކޮމިޓީ، "ޔާމީނު ކޮމިޓީ" އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެންނެވެ.
ޕީޕީއެމުން ބުނި ގޮތުގައި އެ ކޮމިޓީ އުފައްދާ، ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށެވެ.
"ޕާޓީގެ ލީޑަޝިޕު ނުވަތަ ޕާޓީގެ ސެނެޓުގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑުކުރައްވާ އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަނިކުފާނު ވަނީ ކުރައްވާފަ،" ޕީޕީއެމްގެ ސިޓީގައި ލިޔެފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން މަލީހުއަށް ފިޔަވަޅު އެޅީ ޕާޓީގެ އަސާސީ ގަވާއިދުގެ އަށްވަނަ މާއްދާގެ ދަށުންނެވެ.
މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް , އައްބާސް އާދިލު ރިޒާ އިސްކޮށް ތިއްބަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްޔަތަކުންތޯ "އަދަދު" އިން ސުވާލުކުރުމުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އޭގެ ފަހުން އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ތަކުރާރުކުރުމުން އައްބާސް ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ޕީއެންސީ އާއި އެ ޕާޓީ އާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ޖެހޭ ކަމަށެވެ. އަދި، ޕާޓީގެ މެންބަރުން، ޕީއެންސީ ހިމެނޭހެން އެހެން ޕާޓީތަކާ ގުޅުން ހުއްޓާލުމަށް ގޮވާލާ، އާ ސަރުކާރުގައި ޔާމީނުގެ ބައިވެރިވުމާއި މަޝްވަރާ އިތުރުކުރުމަށް ވެސް ގޮވާލި އެވެ.













