ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއެއް ކަމަށް ބުނެ، އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ބައެއް ވާހަކަ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ދޮގުކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ ވިދާޅުވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް (ތޮލާލް) ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންވާ ކަން ރައީސް ޔާމީނަށް އަންގަވާފައިވާ ކަމަށެވެ. އެޕާޓީގެ ތަރުޖަމާނުކަމުން ހީނާ ވަލީދު އިސްތިއުފާދެއްވާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ތޮލާސް މިރޭ "އަދަދު" އަށް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމަށެވެ.
"އަޅުގަނޑު އަދިވެސް އެ މަގާމުގައި މި ހުރީ، އުޒުވެރިވިކަން ރައީސަށް އަންގާފައެއް ނޯންނާނެ" ތޮލާލު "އަދަދު" އަށް ވިދާޅުވި އެވެ.
ޕީޕީއެމް އާއެކު ކޯލިޝަނުގައި އޮތް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އެކުލަވާލައްވަމުން ގެންދަވާ ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ތޮލާލު ވަނީ މިއަދު ކަނޑައަޅުއްވާފަ އެވެ.

ތޮލާލުގެ އިތުރުން، ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދީފައިވާ ކަމަށްވެސް އައްބާސް މިރޭ ވިދާޅުވި އެވެ. އެކަމަކު ތޮލާލާއި ހީނާ ވެސް އެކަން ދޮގުކުރެއްވި އެވެ. .
އައްބާސް އާދިލު ރިޒާ ވިދާޅުވީ، މަގާމުތަކުން އިސްތިއުފާ ދޭކަން އަންގާނީ ޕާޓީގެ ރައީސް، ޔާމީނަށް ކަމަށެވެ. އަދި "ސެކެޓްރީ ޖެނެރަލް ކަމަށް ބުނާ" މީހަކު އެހެން ވިދާޅުވުމުން އެކަން ގަބޫލުކުރަން ނުޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް އިއްވަމުން ގެންދަވާ ޔާމީނަށް ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.
ބައެއް ލުއިތަކާއެކު ގޭބަންދުގައި ހުންނެވި ޔާމީނު، ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމަށް ކަރެކްޝަންސްއިން ވަނީ މި މަހުގެ އެއްވަނަ ދުވަހު އިންޒާރުވެސް ދީފަ އެވެ. އެ ފަހަރު އިންޒާރު ދިނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުންނެވެ.













