ވެރިކަން ކުރާ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕްރޮގުރެސިވް ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ މަސައްކަތްތައް މީގެ ކުރިން ކުރަމުންދިޔައީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހުގަ އެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް ބަދުލުކޮށްފައި ވާކަން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
"އާ އޮފީހަކީ ޕީއެންސީން އެކަހަލަ [މެމްބަޝިޕް ފޯމް ފުރުން ކަހަލަ] ކަންކަން ކުރާތީ ޕީޕީއެމް ބޭފުޅުންނަށް އުނދަގޫވާތީ އެ މަސައްކަތަށް ހެދި އޮފީހެއް" ތޮލާލް ވިދާޅުވި އެވެ.
ތޮލާލު ވިދާޅުުވި ގޮތުގައި ވަކި އޮފީހެއް ހަދައި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިފެންފައި ވާތީ އެވެ.
ޕީއެންސީގެ އޮފީސް ގާއިމުކޮށްފައި ވަނީ ކެމްޕޭނު ދުވަސްވަރު ކާނިވަލުގައި ދިވެހީންގެ ޖަގަހަ ހިންގަމުން އައި ތަނުގަ އެވެ.

ޕީއެންސީގެ މަސައްކަތްތައް ވަކި އޮފީހަކަށް ބަދަލު ކޮށްފައިވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ޕީއެންސީއާއި ޕީޕީއެމުން ވެެސް ދަނީ ކުރަމުންނެވެ. ވެރިކަމަށް ވަޑައިގެންނެވުމުން ޕީއެންސީ އޭގެ ޒާތުގައި ބޮޑު ޕާޓީއަކަށް ވާނެ ކަމަށް ވެސް ކެމްޕޭނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޖަލު ހުކުމަށް ލުއި ލިބިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލު ކުރެއްވިރޭ ވަނީ ޕީޕީއެމްއަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށައި އެއްވެސް މެންބަރަކު، ޕީއެންސީއަށް ބަދަލު ވާން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ އިތުރުން އެމްއެންޕީއާއި އެމްޑީއޭއިން މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އެއްކޮށެވެ. އެހައިތަނަށް ޕާޓީގައި ތިބޭ މެންބަރުންނަށް މެނުވީ ޕްރައިމަރީގައި ވޯޓު ނުލެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީތަކުގެ ދަފުތަރުގައި އޮތް ގޮތުން، މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3159 މެންބަރުންނެވެ.












