ޖުމްހޫރީ ޕާޓީ އުވާލައި ޕާޓީގެ މެމްބަރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ބަދަލުވުމާ މެދު ހިޔާލު ހޯދަން، އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހަޅުއްވައިފި އެވެ.
ޕާޓީ އުވާލައި، ޕީއެންސީއާ ގުޅުމާ މެދު ކައުންސިލް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބައްލަވަން ގާސިމް ހުށަހެޅުއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ކައުންސިލުގެ ގިނަ މެމްބަރުން އެކަމާ ދެކޮޅު ހެދުމުން އެ ހުށަހެޅުމަށް ރޭގެ ބައްދަލުވުމުގައި ބަހުސެއް ނުކުރެ އެވެ.
ޖުމްހޫރީ ޕާޓީ އުވާލަން ޕާޓީގެ ލީޑަރު ގާސިމް ހުށަހެޅުއްވިކަން އެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީގެ ދެ ކައުންސިލް މެމްބަރަކު މި ނޫހަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެކަމަކު، ޕާޓީ އުވާލަން ހުށަހެޅި ކަމަށް ބައެއް މެމްބަރުންނަށް "މާނަ ކުރެވުނު" ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ، އިއްޔެ ބައްދަލުވުމުގައި ވޯޓަށް އެހީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެހެން ޕާޓީތަކާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށާއި އެ މަސައްކަތަށް ހަތް މެންބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލި ކަމަށެވެ.
ޖޭޕީ އުވާލަން ގާސިމް ހުށަހެޅުއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ހުށަހެޅުއްވުމުން ކަމަށް ގާސިމް އިއްޔެ ވިދާޅުވި ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިވަގުތު ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ބަހައެއް އަދި ނުލިބެ އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް ވާދަކުރެއްވި ނަމަވެސް 5,000 ވޯޓާއެކު ވަޑައިގަތީ ފަސްވަނައަށެވެ. ދެވަނަ ބުރުގައި ޕާޓީއިން ވަކި ކޮޅަކަށް ނޭރި ނަމަވެސް، އެކި މެންބަރުން ރައީސް މުއިއްޒުއަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރި އެވެ. ރައީސް މުއިއްޒުއަށް ތާއީދުކުރި ފަރާތްތަކުން އޭރު ވަނީ ޖޭޕީ ދޫކޮށް ޕީއެންސީއާ ގުޅިފަ އެވެ.













