މިއީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަހުސް ކުރުން މަދުކޮށް، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންވީ ވަގުތުކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަސްލަތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ އެ މައްސަލާގައި ބަހުސްކުރުމުގައި މާ ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް، ބަޔާން ނެރެ އަދި ގަރާރު ހުށަހެޅުމުން ފަދަ ކަންތައްތަކުން މިހައިތަނަށް ހާސިލުވި ކަމެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިޒްރޭލުގެ އުދުވާނާ ދެކޮޅަށް އަމަލީގޮތުން އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައި ނެތް ކަމަށާއި ދިވެހި ރައްޔިތުން މިވަގުތު އެންމެ ބޮޑަށް އެދޭ ކަމަކީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އެޅުންކަމަށް ޒިޔާދު ވިދާޅުވި އެވެ.
ކުށްވެރިކޮށް ބަޔާން ނެރެވިއްޖެ، ފަހުގެ ތާރީހެއްގައިވެސް ބަހުސް ކުރަން ތިބޭތާ 75 އަހަރުވެއްޖެ، ބަހުސް ކުރެވިއްޖެ! މިހާރުން މިހާރަށް އެޅެން އޮތް ފިޔަވަޅަކީ ކުޑަ މިނުން އިޒްރޭލު ރައްޔިތުން ނާދެވޭ ގޮތް ހެދުން
އެހެންކަމުން، އިޒްރޭލުގެ ހަމަލާތައް އިތުރަށް ކުށްވެރިކޮށް، ބަހުސްކުރުމުގެ ބަދަލުގައި ގައުމެއްގެ ހައިސިއްޔަތުން އެޅެން އޮތް ފިޔަވަޅެއް އަޅަން ޒިޔާދު ގޮވާލާފައިވެ އެވެ. މިކަމަށް މިހާރުން މިހާރަށް އެޅެން އޮތް ފިޔަވަޅަކީ އިޒްރޭލު ރައްޔިތުން އައުން މަނާކުރުން ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް 75 އަހަރު ވެގެންދިޔައިރު މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމާގައި އެކަނިވެސް މިހާތަނަށް 12،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުގެ ހަމަލާތައް ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް އަދި ރެފިޔުޖީ ކޭމްޕްތަކަށް އަންނަނީ އަމާޒުކުރަމުންނެވެ.












