މިދިޔަ ފަސް އަހަރުގައި ރާއްޖެއިން އިންޑިއާ އާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރު ހުވާ ކުރުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ފާއިތުވި ފަސް އަހަރު ސޮއި ކުރި 100 އަށްވުރެ ގިނަ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ޕުރޮޖެކްޓުތަކާއި މަސައްކަތްތަކާ ގުޅޭ އެއްބަސްވުންތައް ނުހިމެނޭ ކަމަށެވެ.
"މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަ ކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި، ޕްރޮޖެކްޓުތައް ހިންގަން ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި 100 އަށްވުރެ ގިން އެއްބަސްވުން އިންޑިއާއާ އެކު ވެވިފައިވޭ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ދެން މިއީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަ ކޮށްލަން،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ އެއްބަސްވުންތަކެއް ސަރުކާރުން ދިރާސާ ކުރާނެ ކަމަށެވެ. ނަމަވެސް 100 އަށްވުރެ ގިނަ އެއްބަސްވުން ދިރާސާ ކުރުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެނގެމުންދާވަރަކުން ހާމަ ކުރަމުން ދާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
"އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނަން، އެހެންނަމަވެސް މީގެ ތެރޭގައި ހުންނާނެ އަސްކަރީ އެކިއެކި ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭ ކަންތައްތައް، އެއީ އޭގެ ޒާތުގައި ވެސް ގައުމީ ސަލާމަތާ ގުޅުގެން ދާނެ ކަންތައްތައް، ދެފަރާތުގެ ދެމެދުގައި ގާއިމު ކުރެވޭ އެއްބަސްވުމެއްގެ ތެރެއިން އަސްކަރީ، މިސާލަކަށް ވަކި ކަހަލަ ތަމްރީނެއް ކުރިއަށް ގެންދާނީ ކިހިނެއްކަން، އެކަންކަމުގެ ޓައިމްލައިންތައް، މިހެން ހުރި ތަފުސީލުތައް ޔަގީނަށް ވެސް އެއީ ގައުމީ ސަލާމަތުގެ މައުލޫމާތުގެ ތެރެއިން ހިފަހައްޓަންޖެހޭ ނުވަތަ ސިއްރު ކުރަންޖެހޭ ކަންތައްތަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.














