ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.
ބީއެމްއެލުން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް "ފްރެންޑްސް ލިސްޓް" ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދަމުން އަންނަ ކަމަށެވެ.
އެގޮތުން މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީންކުރުމަށާއި، އެފަދަ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އަންގައި، ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައް ވެސް ހުށަހަޅަމުން އަންނަ ކަމަށް ބީއެމްއެލުން މައުލޫމާތުދެ އެވެ. އެދި އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބީއެމްއެލުން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ޓެލެގްރާމް، ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައް ވެސް މި ފާއިތުވި ހަފްތާގައި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.














