ދިވެހިން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަލީދު އަބޫއަލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު އޮތް އެ ބައްދަލުވުމުގައި ސަފީރު އަބޫއަލީ ވަނީ ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސްގެ ނަންފުޅުގައާއި ސަފީރުގެ އަމިއްލަ ނަންފުޅުގައި ރައީސް މުއިއްޒުއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުތައް ދިވެހިރާއްޖެއިން އަބަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ އިތުރުން ސީދާ އެ މަނިކުފާނު ވެސް ސާބިތުވެ ފަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ވިދާޅުވެފަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ ފަލަސްތީނާއި އިސްރޭލުގެ ބޯޑަރު 1967 ގެ ކުރީގައި އޮތްގޮތަށް ރުޖޫއަވެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރެވުމަކީ ދިވެހިރާއްޖެއިން އެދޭގޮތް ކަމަށް ވިދާޅުވެފަ އެވެ. އޭގެއިތުރުން ގާޒާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވި އެވެ.
އެ ބައްދަލަވުން ނިންމަވައިލައްވަމުން ރައީސް މުއިއްޒު ވަނީ ފަލަސްތީނާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.














