ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު ކަމަށް އަލީ ނަސީރު މުހައްމަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އަލީ ނަސީރަށް އޭނާގެ މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.
ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަލީ ނަސީރަކީ މެއި، 1985، އިން ފެށިގެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަލީ ނަސީރު ވަނީ އެ މިނިސްޓްރީގެ ފޮރިން މިނިސްޓްރީގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
އެއަށްފަހު 2017 އިން 2019 އަށް އަލީ ނަސީރު ހުންނެވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން އެމެރިކާއަށް އަދި ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.
އަދި، 2019 އިން ފެށިގެން ސެޕްޓެމްބަރު، 2022، ގައި މަގާމު ދޫކޮށްލަންދެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

އޭގެ އިތުރުން، ރައީސް މުއިއްޒު ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް މުހައްމަދު ޝަހުދީ އައްޔަންކުރައްވައިފި އެވެ.












