އާ ސަރުކާރުގައި އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަށް ވަގުތީ ގޮތުން ޕާމަނަންޓު ސެކްރެޓަރީން އައްޔަން ކޮށްފި އެވެ.
ވަގުތީ ޕާމަނަންޓު ސެކްރެޓަރީން އައްޔަންކުރީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ އަށެވެ.
ވަގުތީ ގޮތުން ޕީއެސްގެ ޒިންމާ ހަވާލު ކުރެއްވި ފަރާތްތައް
- މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސް - އިލްޔާސް އަހުމަދު
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ފާތިމަތު އަހުމަދު
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ - އަހުމަދު ތޮލްހަތު
- މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ - އިސްމާއީލް ރަޝީދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ރަސްމީ ފުރަތަމަ މަސައްކަތު ދުވަސް މިއަދު ފެށޭއިރު، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސާވިސްއިން އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ވަގުތީ ޕީއެސްއިން އައްޔަން ކުރި މިނިސްޓްރީތަކުގެ އެ މަގާމަށް ދާއިމީ މުވައްޒަފުން ހޯދަން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. ޕީއެސްގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށެވެ.
އެ މަގާމުގެ މުސާރައަށް 20،500 އަދި ލިވިން އެލަވަންސަށް 15،000ރ. އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި އެޓާނީ ޖެނެރަލް އޮފީހާއެކު ޖުމުލަ 22 މިނިސްޓްރީ ހިމެނެ އެވެ.












