ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައި މަގާމާ އިއްޔެ ހަވާލުވެވަޑައިގަތެވެ.
މުއިއްޒު އަކީ ރާއްޖޭގެ 8 ވަނަ ރައީސެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސެވެ.
މުއިއްޒު މިހާތަނަށް ހުންނެވީ މާލޭ ސިޓީ މޭޔަރުގެ ގޮތުގަ އެވެ. އޭގެ ކުރިން އެމަނިކުފާނު ހައުސިން މިނިސްޓަރުކަން ދެ ސަރުކާރެއްގައި ކުރެއްވި އެވެ.
މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2011 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގައި އުޅުއްވަނިކޮށް، ފެބްރުއަރީ 7, 2012 ގައި އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ އުފެދުނު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު އެމަނިކުފާނު އަދާކުރެއްވެވި އެވެ.
އުމުރުފުޅުން 45 އަހަރުގެ މުއިއްޒު އުފަންވެވަޑައިގަތީ ޖޫން 15، 1978 ގަ އެވެ. މުއިއްޒު އާއި މއ. ބާބުލްއަވާލީ ސާޖިދާ މުހައްމަދުއާ ކައިވެނި ބައްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

މުއިއްޒު މާލޭން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ސްޓްރަކްޗާ އިންޖިނިއަރިން ދާއިރާއިން ޑިގްރީ، ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާޒް އަދި ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިންނެވެ.
ދެހާސް އަށާރައިގައި އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުކަން އަދާކުރެއްވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.
ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގެވި މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭ ބްރިޖު، ރަސްފަންނު، ސަލްޓަން ޕާކް އަދި މާލޭގެ އެހެން ޕާކުތައް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ "ކިންގް ސަލްމާން މިސްކިތް" ހިމެނެ އެވެ.
މުއިއްޒުގެ ސިޔާސީ ހަޔާތަށް ބަލާއިރު، ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވެވި އެވެ. އެ ޕާޓީން އޭނާ ވަކިވެވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައަޅައިފި ހާލަތެއްގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުއާ ވާދަ ކުރައްވައި އެ ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި އެވެ.
މިހާރު ޕީއެންސީގެ ރައީސް އަކީ ވެސް އެ މަނިކުފާނެވެ.
މުހިއްމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު މަގާމުގެ ފަތްކޮޅުގައި ސޮއިކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް











