ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަންކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގެ މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އޭޕްރިލް 17، 1964 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަބްދުއް ރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބްރުއަރީ، 1985 ގަ އެވެ. ސިފައިންގެ ހިދުމަތް އޭނާ ފެއްޓެވީ 'ސިގްނަލްސް' ޑިޕާޓްމަންޓުނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް ޓަކައި އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވި އިރު އެ ކޯހުން އެއްވަނަ ހޯއްދެވި އެވެ. އެ ޑިޕާޓްމަންޓްގެ ރޭންކްތަކުން ކުރިއަށްް ވަޑައިގެން ސެކަންޑް އިން ކޮމާންޑްގެ މަގާމު ވެސް އަދާކުރެއްވި އެވެ.
އަބްދުއް ރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭކަލެކެވެ.
ސިފައިންގޭގައި އަބްދުއް ރަހީމް އަދާކުރެެއްވި މަގާމުތައް
- އަދާކުރެެއްވި އިސް މަގާމުތަކުގެ ތެރޭގައި ސެނެހިޔާ ހޮސްޕިޓަލްގެ ކޮމާންޑްމަންޓް

- ޑިފެންސް އިންޓެލިޖެންސް ސާވިސަސްގެ ކޮމާންޑިން އޮފިސަރުކަން
- އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުކަން
- ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑިން އޮފިސަރުކަން
- މިލިޓަރީ ޕޮލިސްގެ ކޮމާންޑިން އޮފިސަރުކަން
- އެކްޓިން ކޮމާންޑްމަންޓް އޮފް ސާވިސް ކޯޕްސް އެންޑް ޕްރިސިޕަލް ޑައިރެެކްޓަރް.
އެ މަގާމުތަކުގެ އިތުރުން މުހިންމު އެތައް ބޯޑެއްގައި ވެސް އޭނާ ހިމެނިވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އެެޕެކްސް އެޑްވައިޒަރީ ކައުންސިލް ޓު ދަ މިނިސްޓަރް އޮފް ޑިފެންސް އެންޑް ޗީފް އޮފް ޑިފެންސް ފޯސް ހިމެނެ އެވެ.
ސިފައިންގެ އޮފިޝަލް ސްޕޯކްސްޕާސަން ގެ މަގާމު ވެސް ހަތަރު އަހަރުގެ މުއްދަތަކަށް އޭނާ ފުރުއްވި އެވެ.
ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެ އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގަ އެވެ. އޭގެ ފަހުން އިއްޔެއާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.












