ދިވެހި ދައުލަތުގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ފަލަކޮށް ކަމަށާއި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ފަސްގަނޑަކަށް ހައްދަވާނެ ކަމަށް އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަވައްޓެރި އިންޑިއާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގައި ގާއިމުވެ ތިބި ހިދުމަތްތެރީންނަކީ އިންޑިއާގެ ސިފައިން ކަމަށް ބުނެ އެ ސިފައިން ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އާ ރިޔާސީ ދައުރު ފެށުމުގެ ރަސްމިއްޔާތުގައި، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހިދުމަތުގައި "ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެންމެ ކުރިއަށް" ކަމަށެވެ.
"އަޅުގަނޑު ގައުމުތަކާ ރަހުމަތްތެރިކަން ބާއްވާނަން، ހަސަދަވެރިކަމާއި ނަފުރަތެއް ބާއްވާނަން، އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކާ ވެސް ގުޅުން އޮންނާނެ،" އިންޑިއާއިން އިއްޒަތްތެރިން ވަޑައިގެން، އެ ބޭފުޅުންގެ ކުރިފުޅުމަތީ، ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުގެ އެކި ގައުމުތަކާއެކު، ގުޅުންތައް ބޭއްވި ނަމަވެސް ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތުގެ "ރަތް ރޮނގު ފަލަކޮށް" ދަމާނެ ކަމަށެވެ.
"އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް، އޮންނަން ވާނެ ރަތް ރޮނގެއް، ދިވެހި ދައުލަތަށް ވެސް އެ ހައްގު އޮންނަން ވާނެ، އެ އިހުތިރާމު ލިބެން ވާނެ،" ޝަހީދު ހުސައިން އާދަމްގެ އިމާރާތުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތު ނުދޭނަން، ރާއްޖެއަކީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ފަސްގަނޑަކަށް ހަދާނަން،
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވެސް ރައީސް މުއިއްޒު ދެއްވި ޔަގީންކަމަކީ އެއީ އެވެ.
އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން، މަޝްވަރާކޮށްގެން އެ ކަން ހާސިލުކުރެވޭނެ އެވެ. ރިޔާސީ އިންތިހާބުން ދިވެހިން ދިން މެސެޖަކީ ބޭރުގެ ސިފައިން ތިބެން ބޭނުން ނުވާ ކަމަށާއި، އެ ނިންމުމަށް ބޭރު ގައުމުތަކުން އިހުތިރާމު ކުރައްވަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު މިއަދު ވެސް ތަކުރާރު ކުރެއްވީ އެ ވާހަކަ އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައިރު، ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއޯ މަތިންދާ ބޯޓު އޮޕެރޭޓުކޮށް، ބަލި މީހުން އުފުލުމަށް ބޭނުންވާ އިންސާނީ ހިދުމަތްތެރީންތަކެއް ކަމަށެވެ.
އެއިން އެއް ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަނެއް ހެލިކޮޕްޓަރު ގެނައީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ނަމަވެސް ސިފައިން ތިބުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ހެލިކޮޕްޓަރާއެކު ދިޔުމަށް ޔާމީން އޭރު އެންގެވި އެވެ.
އިންޑިއާ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް އޮޕަރޭޓް ކުރުމުގައި އެ ގައުމުގެ އިންސާނީ ހިދުމަތްތެރީންގެ ގޮތުގައި 75 މީހަކު ތިބި ކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ ކޮންމެ އުޅަނދަކަށް 25 މީހުންގެ މަގުންނެވެ.
މި ނިމިގެން ދިޔަ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނާ ގޮތުގައި އިންޑިއާގެ ހަތިޔާރު އެޅި އަސްކަރީ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ނެތެވެ.












