މިއަދު ރައީސްކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލޭ މޭޔަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
މާލޭގެ މޭޔަރު ކަމުން މުއިއްޒު މިއަދު އިސްތިއުފާ ދެއްވިއިރު, އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 4:45 ގައި ފަށާނެވެ.
މާލޭގެ މޭޔަރު ކަމުން އެމަނިކުފާނު ވަކިވެ ވަޑައިގެންނެވީ މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް، އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަން ވައުުދުވެ ވަޑައިގެންފަ އެވެ.
މޭޔަރު ކަމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައި އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި އެ ކައުންސިލުގެ ކައުންސިލަރުންނާއި, ވެރިންނާއި, މުވައްޒަފުން ދެއްވި ފުރިހަމަ އެއްބާރުލުމަށާއި ކުރި މަސައްކަތްތަކަށް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. މޭޔަރު ކަމަށް ހޮވަން މާލޭގެ ރައްޔިތުން ކުރި ތާއީދަށާއި, މޭޔަރު ކަމުގެ ޒައާމަތުގައި ދިން އެއްބާރުލުމަށް ޓަކައި ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.














