ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ޑރ. މުއިއްޒުގެ 100 ދުވަހުގެ ޕްލޭން (ހަފުތާ 14) ގައި ހިމަނާފައި ވަނީ 172 މަޝްރޫއެވެ. އެ މަޝްރޫއުތަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވޭތުވެދިޔަ ސަރުކާރުތަކުގައި ފުރަތަމަ 100 ދުވަހުގެ ޕްލޭން ތަންފީޒު ކުރުމުގައި ގުނާފައި ވަނީ ބަންދު ދުވަސްތައް ނުހިމަނަ އެވެ. އެހެންވެ، ޕްލޭންގައިވާ މަޝްރޫއުތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުނިންމި، ދުވަސް އިތުރުވެގެން ގޮސްފައިވެ އެވެ.
ނަމަވެސް އާ ސަރުކާރުގެ ސިޔާސަތު އެކަމުގައި މުޅިން ތަފާތެވެ.
ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ މި ސަރުކާރުގެ "14 ހަފުތާގައި" ހިމެނެނީ ޖުމުލަ 98 ދުވަސް ކަމަށާއި އެ ޕްލޭނުގައި ހިމަނާފައިވާ މަޝްރޫއުތައް ކަނޑައަޅާފައިވާ ބަރާބަރު މުއްދަތަށް ނިންމަން މަސައްކަތް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެ ޕްލޭނުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން،" ހަލީލު ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މި ސަރުކާރުގެ ކޮންމެ ދުވަހަކީ ވެސް ހަލުވި ދުވަހަކަށް ހަދަން."
ރައީސް މުއިއްޒުގެ 100 ދުވަހުގެ ޕްލޭން ނެރުނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އެ ޕްލޭނު ބަހާލާފައި ވަނީ އަށް ބަޔަކަށެވެ. އެއީ،
- މިނިވަންކަމާއި ސިޔާދަތު
- އިސްލާމްދީނާއި ގައުމިއްޔަތު
- ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
- އިގުތިސޯދާއި ތިމާވެށި
- އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
- ސީއްހީ ދުޅަހެޔޮ ކަމާއި އޯގާތެރި މުޖުތަމައު
- ތައުލީމާއި ތަމްރީން
- ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު
އެ ޕްލޭނުގައި އިސްކަން ދީފައިވާ ކަންކަމަށް ބަލާއިރު ބޯހިޔާވަހިކަމާއި އިގުތިސޯދާއި ތިމާވެށީގެ އިތުރުން ސިއްހީ ދުޅަހެޔޮ ކަން ހިމެނެ އެވެ.
ގަޑިބުރު ހުޅުވަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާޏުގެ އަމާޒަކީ ކުރީ ސަރުކާރުން މަޑުމަޑުން ކުރަމުން އައި މަސައްކަތްތައް ބާރު ސްޕީޑަކަށް ބަދަލުކޮށް ހިނގުން ހަލުވި މިނެއްގައި ގެންދިއުން ކަމަށެވެ،













