ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް ފަސޭހަކުރުމަށް ޓަކައި އެ ރަސްމިއްޔާތުގައި ދައްކާ ވާހަކަތައް ބޭރުގެ ތިން ބަހަކަށް ތަރުޖަމާކޮށް، ތަރުޖަމާ އަޑުއިވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިއަދު އުފެދޭ އާ ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ދައްކާ ވާހަކަތައް ތަރުޖަމާކުރާނީ އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހަށެވެ. މެންޑަރިން ބަހަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ މައިގަނޑު ބަހެކެވެ. އެ އިންތިޒާމު ހަމަޖައްސާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ކަށަވަރުކޮށް ދިނެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޖަލްސާގައި ދައްކާ ވާހަކަތައް ބޭރު ބަސްތަކުން އަަޑު އެހޭނީ ހެޑްސެޓް ބޭނުންކޮށްގެންނެވެ.
ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ރަސްމިއްޔާތުގެ ލައިވް ފީޑް ދިވެހި ބަހުގެ އިތުރުން އިނގިރޭސި ބަހުން ވެސް ދޫކުރާނެ އެވެ. އެއީ ބައިނަލް އަގުވާމީ މީޑިއާތަކަށް ފަަސޭހަކަށެވެ.
އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ބާއްވަން ނިންމާފައި އޮތީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެހެން ނަމަވެސް މޫސުން ގޯސްވެެއްޖެ ނަމަ އެ ރަސްމިއްޔާތު ބާއްވާނީ ރައްޔިތުންގެ މަޖިލީހުގަ އެވެ .













