އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ޖަލްސާގައި، ނިމިގެން މިދާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަން އެނގިއްޖެ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި ގޮތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ، ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ދައުވަތު ރައީސް ސޯލިހު ވަނީ ގަބޫލު ކުރައްވައިފަ އެވެ.
"އެ މަނިކުފާނު [އެ ޖަލްސާއަށް] ވަޑައިގަންނަވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، މިއަދުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެ އެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ސަބަބަކީ ޖިނާއީ ހުކުމެއްގައި ހުންނަވަނިކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17، 2018 ގައި ބޭއްވި ޖަލްސާ އަށް ވެސް ޔާމީން ވަޑައިނުގަންނަވަ އެވެ.
ނަމަވެސް 2013 ގައި ޔާމީން ހުވާ ކުރެއްވި ޖަލްސާއަށް، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތެވެ.
މިފަހަރު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ވެސް ނިމިގެން ދިޔައީ އޮމާންކޮށެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ވެރިކަން ބަދަލުކުރުމުގެ ކަންކަމުގައި ނިމިގެން މިދާ ސަރުކާރުން އާ ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދިނެވެ.













