ކްރިމިނަލް ކޯޓުގެ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މިއަހަރު ރިސެސްއަށް ނުދާން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާންމު ގޮތެއްގައި އަހަރުގެ މެދުތެރެއިން އަދި ޑިސެމްބަރު މަހު ރިސެސްއަށް ދާކަމަށާއި، ނަމަވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން މިއަހަރު ރިސެސްއަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ އެ ކޯޓުގެ ގާޒީންގެ ޓީމުން އިއްޔެ އެވެ.
ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން މިއަހަރުގެ މެދެތެރޭގައި ވެސް އެ ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ބުނީ އަދިވެސް އެ މައްސަލަތައް އެގޮތުގައި ހުރުމުން ޑިސެމްބަރު މަހު ވެސް ރިސެސްއަށް ދެވެން ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކޯޓުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި ވާއިރު އަދިވެސް އާ އިމާރާތެއް ލިބޭނެ މުއްދަތެއް ނޭނގޭތީ އެވެ.
ޖާގައިގެ ދަތިކަން މެދުވެރިވެގެން، ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު 50 ޕަސެންޓަށް ދަށްވެފައިވާކަމަށާއި، އަޑުއެހުންތައް ލަސްވުމުން ދައުވާ ލިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުންގެ ޝަކުވާތައް ގިނަ ކަމަށް އެ ކޯޓުން ބުނެ އެވެ.

އަޑުއެހުންތައް މަދުވުމުގެ ސަބަބުން، ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު ދަށްވެ، ގާޒީން ބެކްލޮގް މައްސަލަތައް އިތުރުވެފައިވުން." ކްރިމިނަލް ކޯޓުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.












