ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީ އޮންނަ ހުސް ސަރަހައްދުގައި ހުރި ހަޓްތައް ނަގަން އާބަންކޯއިން އަންގައިފި އެވެ.
އާބަންކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ހިޔާ ފްލެޓް 12 ކައިރީ ބީޗް ސަރަހައްދަށް ވާގޮތަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ހަޓްތަކާއި ތަކެތި ނަގަން އަންގައިފަ އެވެ. އާބަންކޯއިން ވަނީ ހަޓްތައް ނަގައި އެތަން ސާފުކުރުމަށް މިއަދުން ފެށިގެން ނުވަ ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެގޮތުން ނޮވެމްބަރު 25، ގެ ނިޔަލަށް އެތަކެތި ނަގައިފައިނުވާ ނަމަ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް އާބަންކޯއިން ވަނީ އަންގާފަ އެވެ.
އޭގެ އިތުރުން ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އާބަންކޯގެ ބަޔާނުގެ ވަނީ ބުނެފަ އެވެ.
ހިޔާ ފްލެޓް 12 ކައިރީ އޮންނަ ހުސް ބިމުގައި ހަދާފައިވަނީ ވިޔަފާރި ގާޑިޔާތަކެކެވެ.













