ހުޅުމާލޭގެ މަގުތަކުގެ ދުވާރުތައް މަތީގައި ޖަހާފައިވާ މޭޒުތައް ނައަންނަ ހޯމަ ދުވަހުގެ ކުރިން ނަގަން އާބަންކޯއިން އަންގައިފި އެވެ.
އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ޕޭވްމަންޓްތަކާއި ގަސްތަކުގެ ތެރޭގައި، ކެފޭ ރެސްޓޯރަންޓު އަދި ޖޫގޯ ޕޮއިންޓުތަކުން ގަވައިދާ ހިލާފަށް ގޮނޑިމޭޒު ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަކަން ފާހަގަކުރެވިފައި ވާކަމަށެވެ.
އެފަދަ ވިޔަފާރިތަކުން މަގުތަކުގައި ޖަހާފައިވާ މޭޒުތައް، އަންނަ ހޯމަ ދުވަހުގެ ކުރިން ނަގަން އާބަންކޯގެ ބަޔާނުގައި އަންގައިފައި ވެ އެެވެ.
އާބަންކޯއިން ބުނީ އެ މުއްދަތުގައި ގޮނޑި/މޭޒުތައް ނުނަގައިފި ނަމަ އެ ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް ވިޔަފާރިއެއްގެ މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ހުޅުމާލޭ މަގުތަކުގައި ގޮނޑި/މޭޒު ޖަހައިގެން ވިޔަފާރިކުރާތީ އެކަން ނުކުރުމަށް އާބަންކޯއިން މީގެ ކުރިން ވެސް އަންގާފައި ވެއެވެ. ނަމަވެސް ގިނަ ތަންތަނުން މޭޒުތައް ނަގާފައެއް ނުވެ އެވެ.













