ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު މިހާރު ހިމާޔަތްކޮށްފައިވާ ލ. އަތޮޅު ގާދޫގައި ބަންކަރިންގެ ހިދުމަތާއެކު ޓްރާންޝިޕްމެންޓު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް އާ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ފަށާނެ ކަމަށް ބުނެފި އެވެ.
ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުކުރު ދުވަހު މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން، "ހަފުތާ 14" ގައި އެ މަޝްރޫއު ކަނޑައަޅާފައި ވާއިރު، ގާދޫ ހިމާޔަތް ކުރީ 2021 ވަނަ އަހަރު އެވެ.
ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 ގަ އެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.
ހުވަދު އަތޮޅާއި އާއި ލާމު އަތޮޅު ދެމެދުގައި ހުވަދޫ ކަނޑަކީ ގިނަ އަދަދެެއްގެ އާގު ބޯޓުތައް ދަތުރުކުރާ ވަން އެންޑް ހާފް ޑިގްރީ ޗެނަލެވެ. އެ ޗެނަލުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ އެޅޭ ގޮތަށާއި އެހެން ބައެއް ހިދުމަތް ދެވޭ ގޮތަށް ގާދޫ ތަރައްގީ ކޮށް، އެ ރަށާއި ފޮނަދުއާ ދެމެދު އޮތް ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މުއިއްޒު ވައުދުވެވަޑައިގަތެވެ.
"ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން. ފޮނަދު އާއި ގާދޫއާ ދޭތެރޭ އޮތް ޖާގައިގައި ހިއްކައިގެން ރިސޯޓެއް ގާއިމް ކޮށްދޭނަން. އަދި މިރަށާއި ރިސޯޓާއި, ރިސޯޓާއި ގާދޫ އާއި ކޯޒްވޭއަކުން ގުޅާލާނަން." ކެމްޕޭނުގެ ފުރަތަމަ ބުރުގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމަށްފަހު އެ ރަށާއި ފޮނަދުއާ ދެމެދު ރިސޯޓެއް ހެދުމުގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސޯދު ކުރިއަރައިގެން ގޮސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް އޭރު މުއިއްޒު ވިދާޅުވި އެވެ.
އިގުތިސޯދީ އެހެން ބައެއް މަޝްރޫއުތައް
އާ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިގުތިސާދީ އަދި އުމްރާނީ ގިނަ މަޝްރޫއުތަކެއް ކުރަން ރާވާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ ތެރޭގައި؛
- ފުށި ދިއްގަރުފަޅު ހިއްކުން
- އާބަންސެންޓަރުތަކުގެ ސިޔާސަތު ކަނޑައެޅުން
- ތަރައްގީގެ މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން
- އާ އެއާޕޯޓުތައް އިއުލާނުކޮށް އަމަލީ މަސައްކަތް ފެށުން
- މާލޭ ޕޯޓު މަޝްރޫއުއަށް ބޭނުންވާ މަސައްކަތް ފެށުން
- އައްޑޫ ބްރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ފެށުން
- ރަށްރަށުގެ ބޮޑެތި މަގުތައް ހެދުން ކުރިޔަށް ގެންދިޔުން
- ޕާކިން އިމާރާތްތަކުގެ މަޝްރޫއު ފެށުން
- އިންވެސްޓުމެންޓު ޑިވެލޮޕްމެންޓު ބޭންކެއް ހެދުމަށް ފްރޭމްވޯކެއް ހެދުން
- އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފެށުން













