އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން، އެމަނިކުފާނުގެ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒު ބަންދު ނުކުރުމަށް އަންގާފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މި މަހު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ނޮވެމްބަރު 6، ގައި ނެރުނު އިއުލާނެއްގައި ވަނީ އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އެ މައިދާނުގައި ރަސްމިއްޔާތު ބާއްވާތީ އެ ފަޅި ނަމާދު ކުރުމަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއް ކަމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ދެކިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެގޮތުން އެ މަރުކަޒު ބަންދު ނުކުރުމަށާއި، ސަލާމަތީ ސަބަބުތަކަށްޓަކައި އަސުރު ނަމާދު ވަގުތާއި މަގްރިބް ނަމާދު ވަގުތު، ވަކި ގޭޓަކުން ވަދެ ނުކުމެ ހެދޭގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މައުލޫމާތު ދެ އެވެ.

އޭގެ އިތުރުން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އެދިލެއްވުމާއި އެއްގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.












