ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މުހިންމު ތިން ބިލެއް, އެޓާނީ ޖެނެެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އޭޖީ އޮފީހުން އިއްޔެ ރައީސް އޮފީހަށް ހުށަހެޅި ބިލްތަކުގެ ތެރޭގައި ހިމެނެނީ ޒަކާތާ ބެހޭ ބިލާއި، މެރިން ސްޕޭޝަލް ޕްލޭނިންއާ ބެހޭ ބިލުގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ޑްރާފްޓު ފުރަތަމަ ފޮނުވަނީ ރައީސް އޮފީހަށެވެ. އެ ބިލުތަކުގެ ޑްރާފުޓު, ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަނީ ރައީސް އޮފީހުންނެވެ.
އިތުރު ތިން ބިލެއް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު, 2018 ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އޮތުމުގެ ކަންބޮޑުވުން އޭޖީ އޮފީހުން ވަނީ ފާޅުކޮށްފަ އެވެ.
އޭޖީ އޮފީހުން ބުނި ގޮތުގައި މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނެ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތަކާއި, އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.












