މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި މައްސަލާގައި އެއް އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި އެއް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް އިއްވާފައި ވަނީ ގއ. ކޮލަމާފުށީ މުހައްމަދު ސާއިފް އަލީގެ މައްޗަށެވެ. އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ކުޑަކަމުދާތަކެތި ނުދިން މައްސަލާގައި ކުރި ދައުވާއަށް އިންކާރު ކޮށްފައި ވާތީ ސާއިފްއާ ދެކޮޅަށް ހަތަރު ފުލުހަކު ހެކިބަސް ދީފައި ވެއެވެ. އަދި ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމު ހުށަހަޅާފައި ވެއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން އޭނާ ޖަލަށް ލާން ހުކުމް ކުރީ ކުޑަކަމުދާތަކެތި ދޭން އޮންނަ 18 ގަޑިއިރުގެ ވަގުތުގެ ތެރޭގައި އެކަމަށް އެއްބަސްވެފައި ނުވާކަން ތިން ހެކިންގެ ހެކިބަހުން ސާބިތުވާތީ އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަން އެނގެން އޮތް އިރު، އެކަމަށް އޭނާ އިންކާރު ނުކުރާކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ހަތަރު ހެކިންގެ ހެކިބަހުން އޭނާއަށް ކުޑަކަމުދާތަކެތި ދިނުމަށް އެންގިކަން ސާބިތުވާކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ކުށް ސާބިތުވާކަމަށް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ނިންމަވާފައި ވެއެވެ. ކުށުގެ އަދަބެއްގެ ގޮތުގައި ސާއިފް އެއް އަހަރު ދުވަހުގެ މުއްްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.












