ވައުދުވެވަޑައިގެންފައިވާ ގޮތަށް މީޑިއާތަކަށް ފައިސާ ދިނުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މީޑިއާތައް ކުރިއެރުވުމަށްޓަކައި ފައިސާގެ ދަތިކަން ހައްލުކުރެވޭނެ ގޮތެއް ދެއްކުމުގެ ގޮތުން ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް މީޑިއާތަކަށް ހާއްސަކުރަން މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅިއިރު އެ ފައިސާ ނުހިމެނުނީ ނޫސްވެރިންނާއެކު މަޝްވަރާ ކުރެވިފައި ނެތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީޑިއާތައް ހިންގުމަށް އޮފީސް ޖާގަ ދިނުމަށްޓަކައި މީޑިއާ ވިލެޖެއް މާލޭ ސަރަހައްދުގައި ބިނާ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން އެއްވެސް އެއްޗެއް ސިއްރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުންނަ މީހަކު ފޮރުވަންޖެހޭ ކަމެއް ރައްޔިތުންނަށް އޮވެގެން ނުވާނެ. ރައްޔިތުން ކަމަކަށް އެދެފި ނަމަ އެކަމެއް ސާފުކޮށް ބަޔާންކޮށް ދެވެން ވާނެ. އެ ފަލްސަފާގަ މަސައްކަތް ކުރާނެ ހިތްވަރު ގަދަ ޓީމެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އެކުވަލާލައިފައި މި ވަނީ. ކެބިނެޓުގައި ވެސް ކުންފުނިތަކުގެ ވެރިންނަށް ވެސް ތިއްބަވާނީ އެ ވިސްނުމުގައި މަސައްކަތް ކުރަން ކެރިވަޑައިގަންވާ ބޭފުޅުން،" ވިދާޅުވި އެވެ.
"އެހެންވީމާ ތިބޭފުޅުން ޔަގީންކުރައްވަންވި ކަމަކީ އިރާދަކުރެއްވިއްޔާ 17 ވަނަ ދުވަހު ފެށިގެންދާ ސަރުކާރަކީ ތިބޭފުޅުންނާއެކީގައި މަސައްކަތް ކުރައްވާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަކަށް އެދިވަޑައިގަންނަވާ ހުރިހާ މައުލޫމާތުތަކެއް ދެއްވުމުގައި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރާނެ ސަރުކާރަކަށް ވެގެންދާނޭ. އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން."

ސަރުކާރުގެ ކުންފުނިތަކުން ދޫކުރާ ސްޕޮންސަ ފައިސާއަށް ބަރޯސާވާން ޖެހުމުގެ ސަބަބުން މީޑިއާތައް އޮންނަނީ "އަޅުވެތިކަމެއްގެ ތެރޭގައި" ކަމަށް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ސެޕްޓެމްބަރު 14، ގައި އދ. މަހިބަދޫގައި ބޭއްވި ޖަލްސާ އެވެ.












