ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ އިންނަވަން އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަަވަމުން ގެންދެވި ނަމަވެސް އޭނާ ރިޔާސަތުގައި އިންނަވައި ޖަލްސާ އަލުން ފަށްޓަވައިފި އެވެ.
ޖަލްސާ މެދުކަނޑާލާފައި އޮންނަތާ އެތައް އިރެއް ފަހުން އަލުން ފެށްޓެވުމަށް ފަހު ރިޔާސަތުން އީވާ ވިދާޅުވީ މިއަދުގެ ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވި އޮތީ އެމްޑީޕީގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މަޖިލީހުގެ "ނިޒާމު ނަގާލައިފައި" ވާތީ ކަމަށެވެ.
"މިއަދު އެގާރަ ޖެހި އިރު ފެށި ޖަލްސާ ކުރިއަށް ނުގެންދެވުނީ ނިޒާމު ގެއްލިގެން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން، ޖަލްސާގެ ނިޒާމު ގެއްލުވާލައިގެން އަަޅުގަނޑަށް ކުރިއަށް ނުގެންދެވޭނެ ގޮތްވީ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު ދެ ޖަލްސާއެއް ބާއްވަން އެޖެންޑާކުރި އެވެ. ފުރަތަމަ ހެނދުނު 9:00 ގައި ފަށަން އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އެވެ. މިއަދު 11:00 އަށް ތާވަލުކުރި ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރެވެ.
އެހެން ވިދާޅުވެ ޖަލްސާ ކުރިއަށް ގެންދަވަން ފެށްޓެވުމާ އެކު ތަޅުމުގައި ފެށުނީ ނިޒާމީ މައްސަލައިގެ އޮއިވަރެކެވެ. ނިޒާމާ ބެހޭ މައްސަލައެއް ހުށަހަޅަން ފުރަތަމަ ދެއްވި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަަތީފު ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިހާރު މަޖިލީހުން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެހެންވެ އެ މައްސަަލަ އެޖެންޑާކޮށްގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުގެ ހޯއްދެވި ފުރުސަތެއްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ނަޝީދު ވަކިކުރަން ހުށަހެޅި ގަރާާރު ބޭރުކޮށްލުމަކީ ރިޔާސަތަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.













