އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިން އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހު ޝެން ޔީޖިން ލަންކާއަށް ފުރާވަޑައިގަންނަވާނެ އެވެ. ޝެން ޔީޖިން ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.
ޗައިނާއަކީ އިންތިހާބީ ރައީސް މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޗައިނާއާ އެކު ގިނަ މަޝްރުއޫތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ އެއް މަޝްރުއޫ، ސިނަ މާލެ ބްރިޖުގެ މަސައްކަތަކީ ވެސް ޗައިނާއާ އެކު ކުރިއަށް ގެންދިޔަ މަޝްރުއޫ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މި މަހު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.













