އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މި މަހު 17 ގައި ބާއްވާ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމުކުރާ މަޖިލީހުގެ ފަރާތުން ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މާދަމާ ޔާމީނަށް ދައުވަތު ފޮނުވޭނެ ކަމަށް ބެލެވެ އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނު މިހާރު ހުންނެވީ މާލެ ބަންދުގައި ގޭގަ އެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ އޮކްޓޯބަރު 1 ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ދިނެވެ.
ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ލިބިލައްވާނެތޯ ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ އެމަނިކުފާނަށް ތިން ލުޔެއް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ބައްދަލުވުންތަކުގައި ބައިވެރިވުން ހިމެނޭ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއްވި އެވެ.
މިދިޔަ މަހު 28 ގައި ދިން ލުއިތަކަށްފަހު ޔާމީނު ޕީޕީއެމްގެ ހަރަކާތްތަކެއްގައި ބައިވެރިވުމާއެކު އެކަން ތަކުރާރުކޮށްފި ނަމަ ލުއިތައް އުވާލެވޭނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން އެމަނިކުފާނަށް ދިނެވެ. އެއަށްފަހު ސިޔާސީ ހަރަކާތެއްގައި ޔާމީނު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުގައި ޔާމީނާ ދެމެދު ހިޔާލުތަފާތުވުންތަކެެއް ވާކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެކުވެރި ގައުމުތަކުގެ ވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވާފަ އެވެ. އެކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން އެންގެވި ހަމައެކަނި ލީޑަރަކީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަމަށެވެ.
އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ޖުމްހުރީ މައިދާނުގަ އެވެ. މޫސުން ތަން ނުދޭނަމަ މަޖިލިސް އިދާރާގަ އެވެ. މި ރަސްމިއްޔާތުގެ ރަސްމީ ދައުވަތު 3،500 ފަރާތަކަށް ފޮނުވާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ. އޭގެއިތުރުން 1،000 އާންމުންނަށް ރަސްމިއްޔާތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދާ ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ވަނީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފަ އެވެ.
ޖުމްލަ 22.9 މިލިއަން ރުފިޔާގެ އަގަކަށް މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަން ވެސް ހަމަޖައްސާނެ އެވެ.
މިހާރު ހުންނެވި ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރަން ބަޔަކާ ހަވާލުކުރީ 17 މިލިޔަން ރުފިޔާއަށެވެ.












