ފުށިދިއްގަރު ފަޅު އެމްޓީސީސީން ހިއްކާނަމަ 100 މިލިއަން ޑޮލަރު ސަލާމަތް ވާނެ: އާޒިމް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް -- ފޮޓޯ: އަދަދު

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް -- ފޮޓޯ: އަދަދު

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކަން، ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ދައުލަތުގެ މާލިއްޔަތުން 100 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅު ގުޅީގެ އުތުރުން އޮންނަ ފުށިދިއްގަރު ފަަޅަކީ 1،475 ހެކްޓަރުގެ ބިޔަ ފަޅެކެވެ. މި މަހުގެ 17 ވަނަ ދުވަހު، އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު ވިދާޅުވެފައި ވަނީ ގިނަ ދުވަހެއް ނުވެ އެ މަޝްރޫއު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އިއްޔެ ފާހަގަ ކުރި ޖުމްހޫރީ ދުވަހު ދައުލަތުގެ ޓީވީ، ޓީވީއެމްއިން ގެނެސްދިން ހާއްސަ ޕްރޮގްރާމަކަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުށިދިއްގަރު ފަޅު މަޝްރޫއު ހިންގާނީ ދައުލަތުން ބޮޑު ހަރަދެއް ނުދާނެ ގޮތަށް ކަމަށެވެ.

އެއީ ކޮން ގޮތެއް ކަމެއް މުއިއްޒު ވިދާޅުނުވެ އެވެ. ނަމަވެސް، އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވަނީ އެކަމަށްޓަކައި 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ރަށްތަކާއި ފަޅު ހިއްކާފައިވަނީ އެމްޓީސީސީންނެވެ. ނަމަވެސް، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ ފަރާތުން އެ ކުންފުންޏާ އަދި މަޝްވަރާއެއް ނުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިޔަ މަޝްރޫއު ބޭރު ބަޔަކާ ހަވާލު ނުކޮށް އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ދައުލަތަށް 40-100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ސަލާމަތް ކުރެވޭނެ އެވެ. އެހެންވެ، އެ ފުރުސަތު އެ ކުންފުންޏަށް ދިނުން މުހިންމު ކަމަށް ފާހަގަ ކުރެއްވި އެވެ.

"ދިވެހީންގެރާއްޖެ ދިވެހިންނަށް ލިބޭނީ އިގުތިސާދީ މިނިވަންކަން ލިބިގެން. އިގުތިސާދީ މިނިވަންކަން ލިބޭނީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އެހެނިހެން މަސައްކަތްތައް، ދިވެހިންނަށް ކުރެވެން ހުރި މަސައްކަތްތައް ދިވެހިން ކޮށްގެން. އޭރުން ބޭރު ފައިސާ ދިވެހިރާއްޖޭގައި ހިފެހެއްޓިގެން ދާނީ،" އާޒިމް މިއަދު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މި މަޝްރޫއުއަށް ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ސަލާމަތް ކުރެވުމަކީ، ވަރަށް ބޮޑު ފައިދާއެއް ކަމަށާއި އެއީ މާލިއްޔަތުގައި ހިފެހެއްޓޭ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޓިސީސީއަށް ނުކުރެވުނު ހިއްކުމުގެ ޕްރޮޖެކްޓެއް ދުނިޔޭގެ އެހެން ބަޔަކަށް ނުކުރެވޭނެ. ގައުމު ކުރިއަރުވަން އައި ބަޔަކު ދިވެހި ކުންފުނިތައް ވަރުގަދަ ވާންޖެހޭ. އެކަން ކުރެވޭނީ ސަރުކާރުން އެއްބާރުލުން ދީގެން،" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއު ހިންގަން ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކަން ހަވާލުކުރީ ބޮސްކާލިސްއާ އެވެ. އައްޑޫ ހިއްކަން ހަވާލުކުރީ ވެންއޫޑުއާ އެވެ. އެއީ ނެދަލޭންޑުގެ ދެ ކުންފުންޏެވެ.

ފުރުށިދިއްގަރު މަޝްރޫއާ ގުޅޭ ގޮތުން މުއިއްޒު އިއްޔެ ވިދާޅުވީ އެންމެ ލަސްވެގެން ވެސް 10 ވަރަކަށް މަސްތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށެވެ. އެއްފަހު ގޮނޑުދޮށް ހިމާޔަތް ކުރަން ވަށައިގެން ބޮޑު ހިލަ ޖަހައި އެތަނަށް ބޭނުންވާ އިންވެސްޓްމަންޓްތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވައުދުވެވަޑައިގަތީ ގިރާވަރު ފަޅާއި ގުޅީ ފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 65،000 ގޯތި ދޫކުރުމަށެވެ. ފުށިދިއްގަރު ފަޅުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އެޅުމަށް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ގުޅިފަޅާއި ގިރާވަރު ވަނީ ހިއްކައިފަ އެވެ. އަދި އެ ދެ ރަށާއި ހުޅުމާލެއިން 9،000 އަށް ވުރެ ގިނަ ގޯތި ވަނީ ދޫކޮށް، އޭގެ ތެރެއިން ގިނަ ގޯތިތަކުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox